Last Updated: April 27, 06:22
Saturday, April 27, 2024
މުނިފޫހިފިލުވުން

ޝިޝަންކާ އެކު ޓައިގާ ޕޯޗްގަލް އަށް

ބޮލީވުޑްގެ ތަރި ޓައިގާ ޝްރޮފް، ޑައިރެކްޓަރު ޝިޝަންކް ކައިތާންގެ ފިލްމަކަށް ސޮއިކުރި ވާހަކަ ދެކެވެން ފެށީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެކަމަކު މި ފިލްމާ ބެހޭ އެއްވެސް ވާހަކައެއް ރަސްމީކޮށް އަދި ހާމައެއްނުކުރެ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ޝިޝާންކް ހަދާ ވަރުގަދަ އެކްޝަން ފިލްމެއް ކަމަށެވެ. މިއާ ބެހޭ އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުން ނަން ވެސް އަދި ހާމަނުކުރާ ފިލްމުގެ ޝޫޓިން އަށް އަންނަ މަހުގެ ތެރޭގައި ކާސްޓާއި ކްރޫ ޕޯޗްގަލް އަށް ފުރާނެ އެވެ. އަދި އެ ގައުމުގެ ހިތްގައިމު އެކި ލޮކޭޝަންތަކުގައި ފިލްމުގެ ގިނަ މަންޒަރުތައް ނަގާނެ އެވެ.

ޝިޝާންކް އަކީ ދަރުމާ އަށް "ދަޅަކް" އާއި "ބަދުރީނާތު ކީ ދުލްހަނިޔާ" އަދި "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" ވެސް ހަދައިދިން ޑައިރެކްޓަަރެވެ. އޭނަ ސްޓޫޑިއޯ އަށް ހެދި "ގޯވިންދާ މޭރާ ނާމް" މި އަހަރު ރިލީޒްކުރަން ވެސް ތައްޔާރުވަމުން އަންނަ އިރު، ޝިޝާންކް އޮތީ "ބޭދަޅަކް" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ފަށައިފަ އެވެ. މި ފިލްމަކީ އަނިލް ކަޕޫރްގެ ކޮއްކޮ ސަންޖޭ ކަޕޫރްގެ އަންހެން ދަރިފުޅު ޝަނާޔާ ކަޕޫރް ބޮލީވުޑަށް ނެރެން ހަދާ ފިލްމެވެ.

ޝިޝާންކާ އެކު ޓައިގާ މަސައްކަތްކުރާ ފިލްމު ވާނީ މި ދެ މީހުން އެކީގައި މަސައްކަތްކުރާ ފުރަތަމަ ޕްރޮޖެކްޓަށެވެ. އެކަމަކު އާ ފިލްމު ވަނީ ދަރުމާ އަށް ޓައިގާ ކުޅޭ ދެވަނަ ފިލްމަށެވެ. އެ ސްޓޫޑިއޯ އަށް އޭނަ ކުޅުނު ފުރަތަމަ ފިލްމަކީ 2019 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ 2" އެވެ.

ދާދި ޑައިރެކްޓަރު ވިކާސް ބާލްގެ "ގަނަޕަތު: ޕާޓް 1" ގެ ޝޫޓިން ޓައިގާ ނިންމާފައިވާ އިރު، އޭނަ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި އަކްޝޭ ކުމާރާ އެކު ކުޅެން ހަމަޖެހިފައިވާ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުގެ "ބަަޅޭ މިޔާ ޗޯޓޭ މިޔާ" ހިމެނެ އެވެ.

ޓައިގާ، 32، ގެ އެންމެ ފަަހުގެ ފިލްމަކީ އެޕްރީލްގައި ރިލީޒްކުރި "ހީރޯޕަންތީ 2" އެވެ.