Last Updated: March 29, 10:36
Friday, March 29, 2024
މުނިފޫހިފިލުވުން

ކަޕިލް ޝަރުމާ ގޮވައިގެން ކޯޓަށް

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާއާ ދެކޮޅަށް އެމެރިކާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ނިއު ޔޯކްގެ ކޯޓަށް މައްސަލަ ހުށަހަޅާވައި ވަނީ ކަޕިލް 2015 ގައި އުތުރު އެމެރިކާގައި ކުރިއަށް ގެންދިޔަ ޓުއާއެއްގައި އެއްބަސްވުމާ އެއްގޮތަށް ޕަފޯމްކޮށްފައި ނުވާތީ އެވެ. އެގޮތުން އޭނަ ޝޯއެއް ދޭން އެއްބސްވުން ހަދައި ފައިސާ ނެގި ނަމަވެސް، އޭގެ ތެރެއިން އެެއް ޝީ ބާއްވާފައި ނުވާ ކަމަށް ކަޕިލްއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅި އެމެރިކާގެ ނިއު ޖާޒީގެ ކުންފުނި، ސައީ ޔޫއެސްއޭ އިންކް އިން ބުންޏެވެ.

އެތަނުން ބުނީ އެ މައްސަލާގައި އޭނާ ގޮވައިގެން ކޯޓަށް ދާން ނިންމީ އެއްބަސްވުމާ އެއްގޮތަށް އަމަލުނުކޮށް، ނުބާއްވާ ޝޯ އަށް ނެގި ފައިސާ އަނބުރާ ދޭނެ ކަމަށް ބުނި ނަމަވެސް މިހާތަނަށް އެ ފައިސާ ހަވާލުކޮށް ނުވާތީ އާއި އެކަމާ ގުޅޭ ގޮތުން ފަހުން ކުރެވުނު އެއްވެސް މުއާމަލާތަކަށް އިޖާބަ ދީފައި ނުވާތީ ކަމަށެވެ.

ސައީ ޔޫއެސްއޭގެ ވެރިޔާ އަމިތު ޖެއިޓްލީ އީޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ކަޕިލްގެ މައްސަލަ އަށް ކޯޓުން ބޭރުގައި ހައްލެއް ހޯދޭތޯ މިހާތަނަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެކަމަކު އޭނަގެ ފަރާތުން މިކަމަށް އެއްވެސް އެއްބާރުލުމެއް ނުލިބޭތީ ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ ކަމަށް ކުރާނެ ކަމަށް ބުންޏެވެ.

މި މައްސަލާގައި ކަޕިލް، 41، އަދި ވަކި އެއްޗެއް ނުބުނެ އެވެ. އޭނަ މި ވަގުތު އުޅެނީ ކެނެޑާގެ ޓުއާއެއްގަ އެވެ. މިދިޔަ ހަފުތާގައި ކަޕިލް ކެނެޑާގެ ޓުއާ އަށް ފުރީ ސޮނީ ޓީވީން ގެނެސްދެމުން އައި އޭނަގެ "ދަ ކަޕިލް ޝަރުމާ ޝޯ" ވެސް މެދުކަނޑާލުމަށް ފަހު އެވެ.

ސޮނީގެ ޝޯގެ އަލުން ދެން ފަށާނީ ކަޕިލްގެ ކެނެޑާ ޓުއާ ނިންމައިލުމަށް ފަހު އެވެ.