Last Updated: April 23, 21:11
Tuesday, April 23, 2024
ދުނިޔެ

ޔުކްރޭނަށް އޮސްޓްރޭލިއާގެ އެހީ އިތުރުކުރަނީ

ރަޝިއާއާ ދެކޮޅަށް ޔުކްރޭން ކުރަމުން އަންނަ ހަނގުރާމަ އަށް އެހީވުމުގެ ގޮތުން އޮސްޓްރޭލިއާ އިން ޔުކްރޭނަށް އަސްކަރީ އިތުރު އެހީތަކެއް ދޭން ނިންމައިފި އެވެ.

މިކަން އިއުލާންކޮށްފައި ވަނީ އެ ގައުމުގެ ބޮޑުވަޒީރު އެންތަނީ އަލްބެނީސް މިހާރު ޔުކްރޭނަށް ކުރަައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އިއްޔެ އެވެ. ބޮޑުވަޒީރު ވިދާޅުވީ ޔުކްރޭނަށް އެހީގެ ގޮތުގައި 68 މިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ހަދިޔާކުރައްވާނެ ކަމަށެވެ. އޭގެ ތެރޭގައި ޑްރޯނާއި 34 ހަތިޔާރު ހިމެނޭ އުޅަނދުތައް ހިމެނެ އެވެ.

އޮސްޓްރޭލިއާ އިން ޔުކްރޭނަށް ދޭން ނިންމި މި އެހީއާ އެކު އެ ގައުމުން ދޭ އެހީގެ އަގު މިހާރު ވަނީ 390 މިިލިއަން ޑޮލަރަށް އަރައިފަ އެވެ.

މާޗް މަހުގެ ތެރޭގައި ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ފެށި ހަނުރާމައިގެ ސަބަބުން އެ ގައުމުގެ ވަރަށް ގިނަ ސަރަހައްދުތަކެއް ވީރާނާވެ، އެތައް ބަޔަކު ހާލުގައި ޖެހިފައިވާ އިރު، ހަނގުރާމައިގައި އެންމެ ބޮޑަށް ގެއްލުންވި ބައެއް ސަރަހައްދުތަކަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު ޒިޔާރަތް ވެސް ކުރައްވައި ހާލަތު ބެއްލެވި އެވެ. އަދި ދާޅުވީ ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ހިންގަނީ "ހަގުރާމައިގެ ބޮޑު ޖަރީމާއެއް" ކަމަވެ.

"މި ގައުމަށް ލިބިފައި އޮތް ގެއްލުންތައް ހަމަލޮލުން ފެނިފައި މުޅިން ހިތް ހަލާކުވެއްޖެ." އަލްބެނީސް ވިދާޅުވި އެވެ.

އޭނާ ވަނީ މި ހަނގުރާމައިގައު ޔުކްރޭނާއި އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ދައްކަވާ ހިތްވަރަށް ސާބަސް ދެއްވައި، އަބަދު ވެސް އެ ގައުމާ އެކީ އޮސްޓްރޭލިއާ އޮންނާނެކަމުގެ ޔަގީން ވެސް ދެއްވައިފަ އެވެ.

"މި ހަނގުރާމަ ނިމޭނެ އިރެއް ނޭނގުނަސް، ޔުކްރޭން ތަހަމައްލުކުރާ މި ވޭނާއި ހިތްދަތިކަން ދެމިގެންދާހާ ދުވަހަކު އޮސްޓްރޭލިއާ އެ ގައުމާ އެކު އޮންނާނެ." ބޮޑުވަޒީރު ވިދާޅުވ އެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރަކީ ހަނގުރާމަ ފެށުނު ފަހުން ޔުކްރޭނަށް ވަޑައުގެންނެވި މަދު ލީޑަރުން ތެރެއިން ބޭފުޅެކެވެ.