Last Updated: March 29, 11:09
Friday, March 29, 2024
މުނިފޫހިފިލުވުން

އަޖޭ އަލުން ޑައިރެކްޓަރުގެ ގޮނޑި އަށް

މި އަހަރުގެ ކުރީކޮޅު ގެނެސްދިން "ރަންވޭ 34" އަށް ފަހު، ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަންގެ އަނެއްކާ ވެސް ފިލްމެއް ޑައިރެކްޓްކުރަން ފަށައިފި އެވެ.

އެ ފިލްމަކީ އޭގެ މަސައްކަތް ކުރިއަށްދާތާ ދުވަސްތަކެއް މިހާރުވެފައިވާ "ބޯލާ" އެވެ. މިއީ 2019 ގައި ރިލީޒްކުރި ތަމަޅަ އެކްޝަން ތުރިލާ "ކައިތީ" ގެ ހިންދީ ރިމޭކެވެ. މީގެ ޑައިރެކްޝަނާ ހަވާލުވިކަން އަޖޭ މިއަދު އިއުލާންކުރީ ފިލްމުގެ މަންޒަރެއް ޝޫޓްކުރަން ކެމެރާ އަށް ސަމާލުކަން ދީގެން އިންނަ މަންޒަރު ފެންނަ ފޮޓޯއަކާ އެކީގަ އެވެ. އޭގެ ކެޕްޝަނަކަށް އިނީ "އިޓްސް ޓައިމް ޓު ސޭ އެކްޝަން އެގެއިން" އެވެ.

އަންނަ އަހަރުގެ މާޗް 30 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ އަދި ކާސްޓްގައި ތައްބޫ ވެސް ހިމެނޭ "ބޯލާ" ވާނީ އަޖޭހެ ހަތަރު ވަނަ ޑައިރެކްޝަނަށެވެ. އޭނަގެ ތިން ވަނަ ޑައިރެކްޝަންގެ ގޮތުގައި އެޕްރީލް 29 ގައި ރިލީޒްކުރި "ރަންވޭ 34" އަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އޭވިއޭޝަން ތުރިލާއެކެވެ.

މަޝްހޫރު ބަތަލާ ކާޖޮލްގެ ފިރިމީހާ އަޖޭ ޑައިރެކްޝަނަށް ނުކުތީ ދެމަފިރިން އެކީގައި ކުޅުނު 2008 ގެ "ޔޫ، މީ އޯރް ހަމް" އިންނެވެ. އޭގެ ފަހުން އަޖޭ ޑައިރެކްޓްކުރީ 2016 ގެ "ޝިވާއޭ" އެވެ. އޭނަ މިހާރު ހަތަރު ވަނަ ފިލްމެއް ޑައިރެކްޓްކުރަން ފެށި އިރު، ރިޕޯޓްތައް ބުނާ ގޮތުން ބޮޑު ބަޖެޓަކުން ހަދާ ވަރުގަދަ ފިލްމެއް 2024 ގައި ވެސް ޑައިރެކްޓްކުރާނެ އެެވެ.

"ރަންވޭ 34" އާއި "އާރްއާރްއާރް" އާއި "ގަންގޫބާއީ ކަތިއަވާޅީ" އަށް ފަހު މި އަހަރު ރިލީޒްވާން ހުރި އަޖޭގެ އިތުރު ފިލްމުތަކުގެ ތެރޭގައި "މައިދާން" އާއި "ތޭންކް ގޯޑް" އަދި "ދުރިޝަމް 2" ހިމެނެ އެވެ.