Last Updated: April 26, 10:52
Friday, April 26, 2024
މުނިފޫހިފިލުވުން

ސުޝްމިތާގެ "އާރިއާ" ތިން ވަނަ ސީޒަނަކަށް

ބޮލީވުޑްގެ ބަތަލާ ސުޝްމިތާ ސެންގެ ވެބް ސީރީޒް "އާރިއާ" ގެ ތިން ވަނަ ސީޒަނެއް ވެސް ހަދަން ނިންމައިފި އެވެ.

އެކްޓިންއާ ދުރުގައި ހުންނަތާ ގިނަ ދުވަސްތަކެއް ފަހުން 46 އަހަރުގެ ބަތަލާ ކުޅުނު ފުރަތަމަ ވެބް ސީރީޒްގެ ފުރަތަމަ ސީޒަން ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ނުވަ އެޕިސޯޑާ އެކީ ގެނެސްދިނީ 2020 ގަ އެވެ. ފުރަތަމަ ސީޒަންގެ ބޮޑު ކާމިޔާބީއާ ގުޅިގެން "އާރިއާ 2"، އަށް އެޕިސޯޑާ އެކީ ގެނެސްދިނީ މިދިޔަ އަހަރު އެވެ.

މީގެ ޑައިރެކްޓަރު ރާމް މަދުވާނީ ބުނި ގޮތުގައި ތިން ވަނަ ސީޒަންގެ ސްކްރީންޕްލޭގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުންނެވެ. އޭނާ ބުނި ގޮތުގައި "އާރިއާ" ގެ ދެ ސީޒަނަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާތީ ތިން ވަނަ ސީޒަން ވެސް ވަރަށް ވަރުގަދަ އެއްޗަކަށް ހަދަން މަސައްކަތްކުރާނެ އެވެ.

"ހާއްސަކޮށް ބެލުންތެރިންނަށް ދެން ވާނީ ކިހިނެއްކަން ދޭހަކުރަން ވެސް ދަތިވާ ގޮތަށް ވަރަށް ވެސް ޝައުގުވެރި އެއްޗެއްގެ ގޮތުގައި ތިން ވަނަ ސީޒަން ހަދަން މުޅި ޓިމް އެކީގައި މަސައްކަތްކުރާނެ." ފިލްމުތައް ކަމަށްވާ "ނީރްޖާ" އާއި "ދަމާކާ" ގެނެސްދިން ޑައިރެކްޓަރު ބުންޏެވެ.

ސީރީޒްގެ ތިން ވަނަ ސީޒަނާ ބެހޭ ގޮތުން ސުޝްމިތާ ބުނީ އޭނަ ކުޅުނު އާރިއާ ސަރީންގެ ކެރެކްޓާއާ އެކީ އަނެއްކާ ވެސް ބެލުންތެރިންނާ ބައްދަލުކުރަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ހާއްސަކޮށް މަދުވާނީއާ އާ އެކީ މަސައްކަތްކުރުމަކީ ލިބޭ ޝަރަފެއް ވެސް މެ." އޭނާ ބުންޏެވެ.

"އާރިއާ" ގެ ފުރަތަމަ ސީޒަނަކީ އިންޓަނޭޝަނަލް އެމީ އެވޯޑްސްގެ ބެސްޓް ޑްރާމާ ކެޓަގަރީ އަށް ނޮމިނޭޓް ވެސް ވި އެއްޗެކެވެ. އަދި ފުރަތަމަ ސީޒަނުން ސުޝްމިތާ އަށް ފިލްމުފެއާ އޯޓީޓީގެ މޮޅު ބަތަލާގެ އެވޯޑް ވެސް ލިބުނެވެ.

ކެރިއަރުގައި މާ ފާހަގަކޮށްލެވޭ ފިލްމުތަކެއް ކުޅެފައި ނުވާ ސުޝްމިތާގެ އެންމެ ފަހުގެ ބޮލީވުޑް ފިލްމަކީ 2010 ގެ "ނޯ ޕްރޮބްލަމް" އެވެ.

"އާރިއާ" ގެ ތިން ވަނަ ސީޒަން ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި ހާމައެއްނުކުރެ އެވެ.