Last Updated: April 26, 18:07
Friday, April 26, 2024
މުނިފޫހިފިލުވުން

ސިދާތާ އެކީ ކްރިސް މަސައްކަތްކުރަން ބޭނުން

ބޮލީވުޑްގެ ތަރި ސިދާތު މަލްއުތުރާއާ އެކީ ހޮލީވުޑްގެ ތަރި ކްރިސް ޕްރެޓް މަސައްކަތްކުރަން ބޭނުންވާ ކަމަށް ބުނެފި އެވެ.

މި ދެ ތަރިންގެ ވާޗުއަލް އިންޓަވިއުއެއްގެ ބައެއް އެމެޒޯން ޕްރައިމް ވީޑިއޯ އިން އާންމުކޮށްފައިވާ އިރު، ކްރިސް ވަނީ ސިދާތުގެ ހަށިގަނޑަށް ވެސް ތައުރީފުކޮށްފަ އެވެ. އޭނަ ބުނީ ސިދާތު ވައްތަރީ ވަރުގަދަ އެކްޝަން ހީރޯއަކާ ކަމަށާއި އެކީގައި މަސައްކަތްކޮށްލަން ވެސް ބޭނުންވާ ކަމަށެވެ.

"ގާޑިއަން އޮފް ދަ ގެލެކްސީ" އާއި "ޖުރަސިކް ވޯލްޑް" އަދި "އެވެންޖާޒް" ޓްރިލޮޖީގައި ވެސް މަސައްކަތްކޮށްފައިވާ 43 އަހަރުގެ ކްރިސް އަކީ ހޮލީވުޑްގެ ކުރީގެ ވަރުގަދަ އެކްޝަން ތަރި، އާނޯލްޑް ޝްވެޒްނެގާގެ ދަނބިދަރިއެކެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކްރިސްގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 10 ގައި ރިލީޒްކުރާ "ޖުރަސިކް ވޯލްޑް ޑޮމިނަން" އެވެ.

ވީޑިއޯއާގައި ސިދާތާ ވާހަކަ ދައްކަމުން ކްރިސް ބުނީ އިންޑިއާ އަށް ދާން ވަރަށް ބޭނުން ކަމަށެވެ. އަދި ދެވުނު އިރަކުން އިންޑިއާގެ ކެއުންތައް ކަމަށްވާ ޗިކެން 65 އާއި ބޭޖާ ފްރައި ތަޖުރިބާކޮށްލަން ބޭނުންވާ ކަމަށް ވެސް ބުންޏެވެ.

ކްރިސްގެ އެ ވާހަކަތަކާ ގުޅިގެން އިންޑިއާ އިން އަބަދު ވެސް މަރުހަބާ ކިޔާނެ ކަމަށް ސިދާތު ބުންޏެވެ. މިދިޔަ އަހަރު އެމެޒޯން ޕްރައިމުން ސްޓްރީމްކުރި ކާމިޔާބު ފިލްމު "ޝޭރުޝާ" ގެ 37 އަހަރުގެ ބަތަލުގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ރޯހިތު ޝެޓީ އެމެޒޯނަށް ހަދާ ވެބް ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" އާއި ފިލްމު "ޔޯދާ" އާއި "ތޭންކް ގޯޑް" ހިމެނެ އެވެ.