Last Updated: May 10, 09:35
Saturday, May 10, 2025
މުނިފޫހިފިލުވުން

އާލިއާގެ "ޑާލިންސް" ގެ ޓީޒާ ދައްކާލައިފި

ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް ޕްރޮޑިއުސްކޮށް، ކުޅުނު ފުރަތަމަ ފިލްމު "ޑާލިންސް" ގެ ޓީޒާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

ނެޓްފްލިކްސް އަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ ޒުވާން ބަތަލާގެ އަމިއްލަ ފިލްމު ކުންފުނި، ސަންޝައިން ޕްރޮޑަކްޝަނާއި ޝާހްރުކް ޚާންގެ ފިލްމު ކުންފުނި، ރެޑް ޗިލީޒް އެންޓަޓައިންމަންޓް ގުޅިގެން ގެނެސްދޭ ބްލެކް ކޮމެޑީ ޑްރާމާއެކެވެ.

އާލިއާއާ އެކީ ކާސްޓްގައި ވިޖޭ ވަރުމާ އާއި ޝެފާލީ ޝާހްގެ އިތުރުން ރޯޝަން މެތިއު ހިމެނޭ "ޑާލިންސް" އަކީ ސްކްރީން ރައިޓަރު ޖަސްމީތު ކޭ ރީންގެ އަލަތު ޑައިރެކްޝަނެވެ. އޭނަ އާއި ޕަރުވީޒް ޝައިހްގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ މި ފިލްމުގައި އާލިއާ ފެންނާނީ ތަންކޮޅެއް ޑިގެލްމަަރަސް ރޯލަކުންނެވެ. އެގޮތުން މި ފިލްމުގައި އޭނަ ފެންނާނީ 2018 ގެ "ރާޒީ" ގައި ފެނުނު ކަހަލަ ލުކެއްގަ އެވެ.

"ޑާލިންސް" ގެ މައިގަނޑު ޕްލޮޓް އެނބުރޭނީ މުމްބާއީގައި ދިރިއުޅޭ މެދުފަންތީގެ މަޔަކާއި އޭނަ އަންހެން ދަރިއެއްގެ ވަށައިގެންނެވެ. އެގޮތުން އާލިއާގެ މަންމަގެ ރޯލު ކުޅެފައި ވަނީ ޝެފާލީ އެވެ.

"ޑާލިންސް" ބެލުންތެރިންނަށް ދޫކޮށްލާނީ އަންނަ މަހުގެ 5 ގައި ނެޓްފްލިކްސް މެދުވެރިކޮށެވެ. މިއީ މި އަހަރު ރިލީޒްވާ އާލިއާގެ ތިން ވަނަ ފިލްމެވެ. ސެޕްޓެމްބަރު 9 ގައި އޭނަގެ "ބުރައްމަސްތުރާ" ސިނަމާތަކަށް ގެނެސްދޭން ނިންމާފައިވާ އިރު، ފެބްރުއަރީ ރިލީޒްކުރި "ގަންގޫބާއީ ކަތިއަވާޅީ" އާއި މާޗްގައި ރިލީޒްކުރި "އާރްއާރްއާރް" އަކީ ވެސް އާލިއާގެ ވަރަށް ކާމިޔާބު ދެ ފިލްމެވެ.

އެކްޓަރު ރަންބީރް ކަޕޫރްގެ އަންހެނުން މިހާރު ބަލިވެއިން އިރު، އަންނަނީ އިނގިރޭސިވިލާތުގައި ހޮލީވުޑްގެ ފިލްމު "ހާޓް އޮފް ސްޓޯން" ގެ މަސައްކަތްކުރަމުންނެވެ.