Last Updated: August 8, 11:43
Monday, August 8, 2022
މީހުން

ވާހަކަ ސީރީޒަކުން ކުއްޖަކަށް ރެކޯޑެއް

ވާހަކަ ފޮތް ސީރީޒެއް ލިޔެގެން ސައޫދީ އަރަބިއްޔާގެ 12 އަހަރުގެ އަންހެން ކުއްޖަކު ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.

މިހާތަނަށް އެންމެ ހަގު އުމުރުގައި ވާހަކަ ސީރީޒް ފޮތެއް ލިޔުމުގެ އަންހެން ރެކޯޑް ރިތާޖް ހުސައިން އަލްހަމްޒީ އަށް ލިބުނު އިރު އުމުރަކީ 12 އަހަރާއި 295 ދުވަހެކެވެ. މި ރެކޯޑް އޭނަ އަށް ލިބުނީ ކުޑަކުދިންނަށް ހާއްސަކޮށްގެން ލިޔުނު ތިން ވާހަކަ ފޮތާ އެކީގަ އެވެެ. މި ވާހަކަތަކަކީ "ޓްރެޝަ އޮފް ދަ ލޮސްޓް ސީ" އާއި "ޕޯޓަލް އޮފް ދަ ހިޑެން ވޯލްޑް" ގެ އިތުރުން "ބިންޔޯޑް ދަ ފިއުޗާ" އެވެ.

މި ފޮތްތައް ރިތާޖް އަންނަނީގެ އަމިއްލަ އޮންލައިން ފިހާރައެއްގައި ވެސް ވިއްކަމުންވެ.

އޭނާ ކިޔައިދިން ގޮތުގައި ކުޑަކުދިންނަށް ހާއްސަ ވާހަކަ ފޮތަކީ ކުދިންގެ ހިޔާލާއި ވިސްނުން ތަރައްގީވާން ވެސް ވަރަށް މުހިއްމު ވަސީލަތެކެވެ. އެހެންވެ ޝައުގުވެރި ޕްލޮޓްތަކަށް ވާހަކަތައް ލިޔުމަކީ ވަރަށް ލޯބިކުރާ ކަމެއް ކަމަށް ބުންޏެވެ. އާއިލާއާ އެކީ ގައުމުން ބޭރުގައި ކިޔަވަމުން އަންނަ ރިތާޖް ބުނި ގޮތުގައި އޭނަ އެންމެ ފުރަތަމަ ވާހަކަ ލިޔަން ފެށީ އުމުރުން 6 އަހަރުގަ އެވެ.

"ކުރިން ސައުދޫގައި އުޅުނު އިރު ވަރަށް ގިނައިން ލައިބްރަރީތަކަށް ގޮސް ފޮތް ވެސް ކިޔަން. އެގޮތަށް ކިޔުންތެރިކަމަށް ޖެހުނު ލޯތްބެއްގެ ބޮޑުކަމުން ފުރަތަމަ ފެށީ ކުރު ވާހަކަ ލިޔަން." ރިތާޖް ބުންޏެވެ.

އޭނަ އެންމެ ފުރަތަމަ ވާހަކަ ފޮތަކީ 2019 ގައި ނެރުނު "ޓްރެޝަ އޮފް ދަ ލޮސްޓް ސީ" އެވެ. އޭގެ ފަހުން ހަމަ އެ އަހަރު "ޕޯޓަލް އޮފް ދަ ހިޑެން ވޯލްޑް" ނެރުނެވެ. ތިން ވަނަ ފޮތް ނެރުނީ 2020 ގަ އެވެ.

މިހާރު އުމުރުން 13 އަހަރު ފުރިފައިވާ ރިތާޖް އަންނަނީ ހަތަރު ވަނަ ފޮތެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އެއީ "ދަ ޕެސެޖް ޓު ދަ އަންނޯން" އެވެ.

"ހެރީ ޕޮޓާ" ވާހަކަ ސީރީޒް ލިޔުނު އިނގިރޭސި ލިޔުންތެރިޔާ ޖޭކޭ ރޯލިންގެ ބޮޑު ފޭނެއް ކަމަށްވާ ރިތާޖަކީ ސައޫދީގެ އިރުމަތީ ޕްރޮވިންސެއް ކަމަށްވާ ދަހުރާނަށް އުފަން ކުއްޖެކެވެ. ޖަޕާން ބަހުން މިހާރު ވަރަށް ފަރިތަކޮށް ވާހަކަ ވެސް ދައްކަން އެނގޭ ޅަ ލިޔުންތެރިޔާ ބުނި ގޮތުގައި އޭނަ ވާހަކައެއްގެ ޕްލޮޓް އާންމުކޮށް ރާވަނީ އުޅޭ މާހައުލުން ފެންނަ މަންޒަރުތަކާއި ކުރެވޭ ތަޖުރިބާތަކުގެ ތެރެއަށް ހިޔާލީ ކަންކަން ވެސް ވައްދައިގެންނެވެ.

"ވަރަށް އުފާވި ރެކޯޑެއް ލިބުނީމަ. އަދި މިކަންވީ ލިޔުންތެރިކަމާއިގެން ކުރިއަށް ދާން ލިބުނު ހިތްވަރަކަށް. އަހަރެން ގަބޫލުކުރަނީ މި ލިބުނު ރެކޯޑަކީ ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުންނަ ހުރިހާ ކުދިންނަށް ވެސް ހިތްވަރަކަށް ވާނެ ކަމަށް." ރިތާޖް ބުންޏެވެ.

މިހާތަނަށް ވާހަކަ ފޮތެއް ލިޔެގެން ދުނިޔޭގެ ރެކޯޑް ހޯދި އެންމެ ހަގު އަންހެން ކުއްޖަކީ އިނގިރޭސިވިލާތުގެ ބެލާ ޖޭ ޑާކް އެވެ. ރެކޯޑް ލިބުނު އިރު 5 އަހަރާއި 211 ދުވަސްވީ ކުއްޖާގެ ވާހަކަ ފޮތަކީ މި އަހަރުގެ ޖެނުއަރީ 31 ގައި ނެރުނު "ދަ ލޮސްޓް ކެޓް" އެވެ.