Last Updated: August 8, 11:43
Monday, August 8, 2022
ޚަބަރު

ރޯގާ އާއި ޑެންގީ އަދި ބޭރަށްހިންގުން އިތުރުވެއްޖެ

މިދިޔަ މަހު އަރިދަފުސް ރޯގާ އާއި ޑެންގީ އަދި ބޭރަށް ހިންގުން އިތުރުވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެޗްޕީއޭ އިން ބުނީ މިދިޔަ އަހަރާއި އަދި މިއަހަރުގެ މިހާތަނަށް ރާއްޖޭގައި އެ ބަލިތައް އިތުރުވެފައިވާ ކަމަށެވެ. އަދި މިދިޔަ މަހާ އަޅާބަލާއިރު ވެސް އެ ބަލިތައް ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

އެގޮތުން މިދިޔަ މަހު ޑެންގީ ހުން ޖެހިގެން 294 މީހަކު ރިޕޯޓުކޮށްފައިވާއިރު، އަރިދަފުސް ރޯގާ ޖެހިގެން 21،802 މީހުން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި ބޭރަށް ހިންގުމާއި ހޮޑުލުން 2،376 މީހުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އެޗްޕީއޭ އިން ވަނީ މި ދުވަސްވަރު ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން އިތުރު ކުރުމަށާއި، ކެއްސާ، ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ޓިޝޫއަކުން ނިވާކުރުމަށާއި، ނިވާކުރުމަށް ޓިޝޫ އެއް ނެތްނަމަ، ތިމާގެ މުލައްދަނޑިން އަތާއި، އަނގަޔާ ނޭފަތް ނިވާވާގޮތަށް ހުރަސް ކުރެއްވުމަށް އިލްތިމާސްކޮށްފަ އެވެ.

މީގެއިތުރުން ހުން އައިސް ކެއްސާނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.