Last Updated: April 27, 06:22
Saturday, April 27, 2024
ވިޔަފާރި

ޓްވިޓާ ގަތުން އީލޮން ހުއްޓާލައިފި

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކް، ޓްވިޓާ ގަންނަން ކުރި މަސައްކަތް ހުއްޓާލައިފި އެވެ.

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ޓްވިޓާ ގަންނަން އީލޮން މަސައްކަތް ކުރީ 44 ބިލިއަން ޑޮލަރުގެ އަގަކަށެވެ. އެ ހުށަހެޅުން ޓްވިޓާގެ ބޯޑުން ބަލައިގަނެ ދެ ފަރާތުގެ މެދުގައި އެއްބަސްވުމެއް ވެސް ވަނީ އެކުލަވާލާފަ އެވެ.

ނަމަވެސް ގާތްގަނޑަކަށް ތިން މަސް ފަހުން އެ އެއްބަސްވުން އުވާލަން އީލޮން ނިންމީ ޓްވިޓާގައި ހުރި ފޭކު އަދި ސްޕޭމް އެކައުންޓުތަކާ ގުޅޭ އެކަށީގެންވާ މައުލޫމާތު ހާމަކުރުމުގައި ޓްވިޓާ ނުކުޅެދިފައިވާ ކަމަށް ބުނެ އެވެ. އެގޮތުން ޓްވިޓާ މެދުވެރިކޮށް މިކަމާ ގުޅޭ މައުލޫމާތު ހޯދުމަށް އެކި ފަހަރުމަތިން މަސައްކަތް ކުރި ނަމަވެސް އެކަމަށް އެއްބާރުލުން ލިބިފައި ނުވާ ކަމަށް އީލޮން ހާމަކޮށްފައިވެ އެވެ.

ޓްވިޓާ އިން މީގެކުރިން ބުނެފައިވާ ގޮތުގައި ޓްވިޓާގައި ބޭނުންކުރާ ޖުމްލަ އެކައުންޓުތަކުގެ ތެރެއިން ފޭކް އެކައުންޓުތަކުގެ ނިސްބަތަކީ ފަސް ޕަސެންޓަށް ވުރެ ވެސް ދަށް އަދަދެކެވެ. ނަމަވެސް އީލޮން ވަނީ ޓްވިޓާގެ އެ ތަފާސް ހިސާބު ގަބޫލުކުރަން ދެކޮޅު ހަދައި އެފަދަ އެކައުންޓުތަކުގެ އަދަދު 20 ޕަސެންޓަށް ވުރެ މަތިވާނެ ކަމަށް ލަފާކޮށްފަ އެވެ.

ޓްވިޓާ ގަތުމުގެ މަސައްކަތް އީލޮން ހުއްޓާލިއިރު، ދެ ފަރާތުގެ މެދުގައި ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން މި މުއާމަލާތުގައި ހިމެނޭ އެއްވެސް ފަރާތަކުން އެއްބަސްވުން އުވާލާފައިނަމަ 1 ބިލިއަން ޑޮލަރު އަނެއް ފަރާތަށް ދައްކަންޖެހޭނެ އެވެ.

ޓްވިޓާ ގަންނަން ކުރި މަސައްކަތް އީލޮން ހުއްޓާލި ހަބަރާއެކު މިއަދު ހިއްސާގެ ބާޒާރު ހުޅުވުމުގެ ކުރިން ކުރި ވިޔަފާރިތަކުގައި ޓްވިޓާ ކުންފުނީގެ ހިއްސާގެ އަގު ވަނީ 8 ޕަސެންޓަށް ވެއްޓިފަ އެވެ.