Last Updated: April 26, 20:24
Friday, April 26, 2024
ވިޔަފާރި

ޓްވިޓާ އިން އީލޮން އަށް ދައުވާކުރަނީ

ޓްވިޓާ ގަންނަން ނިންމުމަށް ފަހު އެކަން މިހާރު ހުއްޓަވާލައްވާފައިވާތީ މަހުޖަނު އީލޮން މަސްކަށް ދައުވާކުރަން ނިންމައިފި އެވެ.

ޓްވިޓާ އިން މިކަން ހާމަކުރީ އެ ނުގަންނަން ނިންމެވިކަން އީލޮން އިއުލާންކުރެއްވިތާ ހަޑިއެއްހާ އިރު ފަހުންނެވެ.

އެތަނުގެ ޗެއާމަން ބްރެޓް ޓޭލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީލޮންގެ ނިންމެވުމަކީ ޓްވިޓާ ވިއްކައިލުމާ މެދު އެއްވަސްވުމަކަށް އާދެވިފައި ވަނިކޮށް ނިންމި ނިންމުމަކަށްވުމާ އެކު އެ ނިންމުމާ ދެކޮޅަށް ގާނޫނީ ގޮތުން މަސައްކަތްކުރަވާއްވާނެ ކަމަށެވެ. އަދި ކޯޓުގައި މިކަމަށް އިންސާފު ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޓްވިޓާ 44 ބިލިއަން ޑޮލަރަށް ގަންނަން އީލޮން ހުށަހެޅުއްވީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ. ނަމަވެސް ފަހުން ދުނިޔޭގެ އެންމެ ބޮޑި މަހުޖަނު ވަނީ ޓްވިޓާގައި ހުރި ފޭކު އަދި ސްޕޭމް އެކައުންޓުތަކާ ގުޅޭ އެކަށީގެންވާ މައުލޫމާތު ހާމަކުރުމުގައި ޓްވިޓާ ނުކުޅެދިފައިވާ ކަމަށް ބުނެ އެ ގަތުން މަޑުޖަސައްވާލައްވައިފަ އެވެ. އަދި މައުލޫމާތު ހޯދަން އެކި ފަހަރު މަތިން މަސައްކަތް ކުރި ނަމަވެސް އެކަމަށް އެއްބާރުލުން ލިބިފައި ނުވާ ކަމަށް ވިދާޅުވެފައިވެ އެވެ.

ޓްވިޓާ ގަތުމުގެ މަސައްކަތް އީލޮން ހުއްޓަވާލެއްވި އިރު، ދެ ފަރާތުގެ މެދުގައި ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން މި މުއާމަލާތުގައި ހިމެނޭ އެއްވެސް ފަރާތަކުން އެއްބަސްވުން އުވާލާފައި ނަމަ ބިލިއަން ޑޮލަރު އަނެއް ފަރާތަށް ދައްކަން ޖެހޭނެ އެވެ.

އީލޮން ޓްވިޓާ ބައްލަވަައިގަންނަވަން ހުށަހެޅުއްވީ ޓްވިޓާގެ 9.2 ޕަސެންޓް ހިއްސާ 2.89 ބިލިއަން ޑޮލަރަށް ބައްލަވައިގަތްތާ ވެސް ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. މިއާ އެކު އޭނާ ވެފައި ވަނީ ފަރުދެއްގެ ހައިސިއްޔަތުން ޓްވިޓާގެ އެންމެ ގިނަ ހިއްސާ ކޮންޓްރޯލްކުރާ މީހާއަށެވެ.