Last Updated: April 20, 16:27
Saturday, April 20, 2024
ރިޕޯޓް

މޭވާ/ތަރުކާރީގެ ލޭބަލް؛ ބުނެދެނީ ކޯޗެއް؟

ރާއްޖެ އަށް އެތެރެކޮށްފައި ހުންނަ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ބާޒާރުން ގަންނަ އިރު އެ އެއްޗެހީގައި ލޭބަލެއް ޖަހާފައި އިންނަންކަން ފާހަގަކުރެވޭނެ އެވެ. އެކަމަކު ފަހަރުގައި މިއީ މާ ގިނަ ބަޔަކު ސަމާލުކަންދޭ އެއްޗަކަށް ނުވެދާނެ އެވެެ. ނަމަވެސް މި ލޭބަލަކީ އެ ގަންނަ އެއްޗެއްގެ ކޮލިޓީ ބުނެދޭ ވަރަށް މުހިއްމު އެއްޗެކެވެ.

އެހެންވެ ބާޒާރަށް ގޮސް މޭވާ އާއި ތަރުކާރީ ގަންނަ އިރު، ލޭބަލަށް ސަމާލުކަންދޭށެވެ. އާންމުކޮށް މިފަދަ ގިނަ ބާވަތްތަކަކީ ތާޒާކޮށް ކާން ބޭނުންކުރާ އެއްޗިއްސަށްވާތީ އެ އެއްޗެއްގެ ކޮލިޓީ ހަމަގައިމު ވެސް ވަރަށް މުހިއްމު ވާނެ އެވެ. ސަބަބަކީ މިއީ ސިއްހަތާ ގުޅިފައި އޮންނަ ކަމަކަށްވާތީ އެވެ.

ދެން އޮތީ ލޭބަލްތަކުން ބުނެދޭ ވާހަކަތަކެވެ. އެކަންކަމަށް ބަލައިލަމާ ހިނގާށެވެ. މި ލޭބަލަށް އާންމުކޮށް ކިޔައި އުޅެނީ ޕްރައިސް ލުކަޕް (ޕީއެލްޔޫ) އެވެ. އޭގައި ހުންނަ ނަމްބަރުތަކަކީ ފައިސާ ދައްކާ އިރު، ކޭޝިއަރު ބޭނުން ކުރާނެ ނަމްބަރުތަކެވެ. އަދި އެއީ އުފެއްދުމެއް ނިސްބަތްވާ ތަނާއި އޭގެ ކޮލިޓީ ވެސް ވަޒަންކޮށްދޭނެ އެއްޗެކެވެ.

ޕީއެލްޔޫ ކޯޑަކީ ފަސް ނަމްބަރުގެ ކޯޑަކަށްވެފައި ފެށޭ ނަމްބަރަކީ 9 ނަމަ އޭގެ މާނަ އަކީ އެ އުފެއްދުމަކީ ތިމާވެއްޓާ ރައްޓެހިކޮށް އުފައްދާފައިވާ އޯގެނިކް އުފެއްދުމެއްކަމެވެ. ހަތަރު ނަމްބަރުގެ ކޯޑަކަށްވެފައި ފެށޭ ނަމްބަރަކީ 3 ނުވަތަ 4 ނަމަ އެއިން އަންގައި ދެނީ އެ އުފެއްދުމަކީ އާންމުކޮށް ގިނަ ތަންތަނުގައި ދަނޑުވެރިކަމުގެ ބާވަތްތައް އުފައްދާ ގޮތަށް ގަސްކާނާއި އާއި ކެމިކަލާއި ތަފާތު އެކި ބާވަތުގެ ބޭސްތައް ވެސް ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަމެވެ.

ފަސް ނަމްބަރުގެ ކޯޑަކަށްވެފައި ފެށޭ ނަމްބަރަކީ 8 ނަމަ އެއިން އަންގައިދޭ އެއްޗަކީ އުފެއްދުމަކީ ޖެނެޓިކް ބަދަލުތަކެއް ގެނެސްގެން އުފައްދާފައިވާ އެއްޗެއްކަމެވެ. މިގޮތަށް ތަރުކާރީ އާއި މޭވާ އުފައްދަނީ އެ އެއްޗެހި ހަލާކުނުވެ ގިނަ ދުވަހު ބެހެއްޓުމުގެ ގޮތުންނެވެ.

އެހެންވީމާ މޭވާ އާއި ތަރުކާރީގައި އިންނަ ލޭބަލަކީ ބޭކާރު އެއްޗެއްގެ ގޮތުގައި ނުދެކޭށެވެ. އެ ތަކެތި ގަންނަ އިރު، އެއަށް ސަމާލުކަން ދޭށެވެ.