Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

އެސްޓީއޯ އިން ޕްލާސްޓިކް ކޮތަޅަށް އަގު ނަގަނީ

ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މިންވަރު މަދުކުރަން ބާރުއެޅުމުގެ ގޮތުން އެސްޓީއޯގެ ޕީޕަލްސް ޗޮއިސް އިން ކުރާ ވިޔަފާރިތަކުގައި އެ ބާވަތުގެ ކޮތަޅުން އަގު ނަގާ ގޮތަށް ނިންމައިފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނިން ބުނީ ޕްލާސްޓިކް ކޮތަޅަށް އަގު ނަގަން ފަށާނީ އަންނަ ހަފުތާހެ ހޯމަ ދުބަހުން ފެށިގެންނެވެ. އެގޮތުން ކޮންމެ ކޮތަޅަކަށް 2.50ރ. ނަގަން ވަނީ ހަމަޖައްސައިފަ އެވެ. އަދި ކަރުދާސް ކޮތަޅަކަށް 2ރ. ނަގާނެ އެވެ.

އެސްޓީއޯ އިން ބުނީ ހިތްވަރު ދެނީ ބާޒާރުކުރަން ދާ އިރު ތިމާވެއްޓާ ރައްޓެހި ކޮތަޅެއް ގެއިން ގެންދިއުން ކަމަށެވެ. އެކަމަކު މި އާދަ އަދިވެސް އާންމުންގެ ތެރޭގައި ބީރައްޓެހިކަމުން، ތިމާވެއްޓާ ރައްޓެހި ނޫން ކޮތަޅުތަކުން އަގު ނަގަން ފެށުމަކީ ގެންނަން ބޭނުންވާ ބަދަލަށް ހެޔޮ އަސަރެއްކުރަން ފަށާނެ ކަމެއް ކަމަށް އުންމީދުކުރެވޭ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެ ކުންފުންޏަކީ ތިމާވެއްޓާ ރައްޓެހި ކޮތަޅި ބާޒާރުކުރަން ބޭނުންކުރާ ނަމަ ހާއްސަ އިނާޔަތްތައް ވެސް ކަސްޓަމަރުންނަށް ދެމުން އަންނަ ކުންފުންޏެކެވެ. އެގޮތުން ފޮތި ކޮތަޅު ބޭނުންކުރާ ނަމަ ކަސްޓަމަރުންނަށް ހަދިޔާ ވެސް ދޭ ކެމްޕޭނެއް "ޕްލާސްޓިކް ނޫން ގޮތެއް ރިވާޑްސް" ގެ ނަމުގައި މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ވެސް ފެށި އެވެ.