Last Updated: April 26, 22:31
Friday, April 26, 2024
ވިޔަފާރި

ގޫގުލް އަށް މުވައްޒަފުން ނެގުން މަޑުޖައްސާލައިފި

ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗާއީ.

ދުނިޔެ އަށް މިހާރު ކުރިމެތިވެފައި އޮތް އިގުތިސާދީ ދަތި ހާލަތާ ހެދި ހަރަދުތައް ވެސް ކުޑަކުރުމުގެ ގޮތުން އަހަރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި ކުންފުންޏަށް އާ މުވައްޒަފުން ނެގުން މަޑުޖައްސާލާފައިވާ ކަމަށް ދުނިޔޭގެ އެންމެ އެއް ޓެކް ކުންފުނި ކަމަށްވާ ގޫގުލް އިން ބުނެފި އެވެ.

އެ ކުންފުނީގެ ސީއީއޯ ސުންދަރު ޕިޗާއީ މުވައްޒަފުންނަށް ފޮނުއްވި މެމޯއެއްގައި ވިދާޅުވީ ކުންފުނިން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ މިހާރު ތިބި މުވައްޒަފުންނާ އެކީ މަސައްކަތްކޮށް، އަމާޒު ހިފާފައިވާ ލަނޑުދަނޑިތައް ހާސިލުކުރަން ކަމަށެވެ. އެގޮތުން ދުނިޔޭގެ އިގުތިސާދު މި ވަގުތު އޮތް ހާލަތަށް ބަލާ އިރު މުވައްޒަފުން އިތުރުކުރުމަކީ ގޮންޖެހުމެއް ކަމަށާއި މި ދަނޑިވަޅަކީ މިހާރު ހުރި ހުރިހާ ރިސޯސެސްއެއްގެ ބޭނުން އޭގެ އެންމެ ރަނގަޅު ގޮތުގައި އިސްކަންދޭން ޖެހޭ ވަގުތެއް ކަމަށެވެ.

"އެހެން ވިޔަސް މި ހާލަތުގެ ތަޖުރިބާ އަށް ފަހު އަނެއްކާ ވެސް އަހަރެމެން އެންމެންނަށް ކުރިއަށް ދިއުމަށް ހިތްވަރެއް ވެސް ލިބޭނެ." ސުންދަރު ވިދާޅުވި އެވެ.

އަހަރުގެ ބާކީ މިއޮތް މުއްދަތާއި އަންނަ އަހަރު ވެސް ކުންފުންޏަށް ކޮންމެހެން ބޭނުންވެގެން މުވައްޒަފުން ހޯދަން މަޖުބޫރުވާ ޑިޕާޓްމަންޓްތަކަށް ނޫނީ މުވައްޒަފުން ނުނަގަން ގޫގުލް އިން ވަނީ ނިންމައިފަ އެވެ. ސުންދަރު ވިދާޅުވި ގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެކަނި ވެސް 10،000 އެއްހާ މުވައްޒަފުން ކުންފުންޏާ އަލަށް ގުޅުނެވެ.

ނަމަވެސް އަހަރުގެ ބާކީ މިއޮތް މުއްދަތާއި އަންނަ އަހަރު މުވައްޒަފުން ނެގުމުގައި އެންމެ ބޮޑަށް އިސްކަންދޭނީ އިންޖިނިއަރިން އާއި ޓެކްނިކަލް ފަދަ ހާއްސަ މުހިއްމު ދާއިރާތަކަށް އެކަނި ކަމަށް ސުންދަރު ވިދާޅުވި އެވެ.

މީގެ 23 އަހަރު ކުރިން ވުޖޫދަށް އައި ގޫގުލްގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ އަދަދު މިހާރު ވެސް 139،900 އަށް ވުރެ ގިނަ އެވެ.

އެ ކުންފުނޫގެ އިތުރުން މަޝްހޫރު އެހެން ޓެކް ކުންފުނިތައް ކަމަށްޗާ ޓްވިޓާ އާއި ސްނެޕް ޗެޓާއި ސްޕޮޓިފައި އާއޮި ނެޓްފިލްސް އަދި ގޭމްސްޓޮޕް ފަދަ ކުންފުނިތަކުން ވެސް ވަނީ މުވައްޒަފުން ނެގުން މަޑުޖައްސާލައިފަ އެވެ.