Last Updated: April 25, 18:52
Thursday, April 25, 2024
ވިޔަފާރި

ސޮނީން ބަންޖީ ގަނެފި

"ޑެސްޓިނީ" އާއި "ހާލޯ" އާއި "މެރަތަން" ގެ އިތުރުން "މިތު" ފަދަ ވީޑިއޯ ގޭމްތައް އުފެއްދި އެމެރިކާގެ ކުންފުނި ބަންޖީ ޖަޕާނުގެ ސޮނީން ގަނެފި އެވެ.

ސޮނީން އެ ކުންފުނި ގަންނަން އުޅޭ ވާހަކަ އިއުލާންކުރީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. ޓެކް ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި ގޮތުގައި ބަންޖީ ގަތުމުގެ މުއާމަލާތް ސޮނީން މިހާރު ވަނީ ނިންމާލައިފަ އެވެ. އެކަން ސޮނީން ވެސް ރަސްމީކޮށް އިއުލާންކޮށްފައިވާ އިރު ބުނީ، ބަންޖީ ގަތީ 3.6 ބިލިއަން ޑޮލަރަށް ކަމަށެވެ.

ނަމަވެސް އެމެރިކާގެ ސެކިއުރިޓީ އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ) އަށް ހުކުރު ދުވަހު ސޮނީން ހުށަހެޅި ލިޔެކިޔުންތަކުން ދައްކާ ގޮތުގައި ބަންޖީ ގަތީ ގާތްގަނޑަކަށް 3.7 ބިލިއަން ޑޮލަރަށެވެ.

ބަންޖީން ބުނީ ކުންފުނި ސޮނީ އަށް ވިއްކައިލި ނަމަވެސް ކުރިއެކޭ އެއްގޮތަށް ކުންފުނި އަމިއްމަ ގޭމްތައް ޑިވެލޮޕްކޮށް ނެރޭނެ ކަމަށެވެ. އެ ކުންފުނީގެ ސީއީއޯ ޕީޓް ޕާޒަންސް ވިދާޅުވީ ސޮނީ އަކީ ވަކިން ހާއްސަކޮށް ޕްލޭ ސްޓޭޝަންގެ ހާއްސަ ކުންފުންޏަކަށް ވިޔަސް ބަންޖީ ސޮނީއާ އެކު އެކްސްކްލޫސިވްކޮށް ހަމައެކަނި ޕީއެސްއަކަށް ހުހެއް ނުވާނެ އެވެ.

ސޮނީން ބުނީ ބަންޖީ ސޮނީގެ ކުޑައިގެ ދަށަށް ދިއުމަކީ ޕީއެސް އިތުރަށް ވަރުގަދަވާނެ ކަމެއް ކަމަށާއި އެ މީހުންގެ ތަޖުރިބާ އާއި އާ ހިޔާލުތަކާއި ވިސްނުންތަކާ އެކީ ސޮނީ އިންޓަރެކްޓިވް އެންޓައިންމަންޓް ބޮޑުތަނުން ވަރުގަދަވާނެ ކަމަށެވެ.

މިހާރު 820 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ބަންޖީ އަކީ މީގެ 31 އަހަރު ކުރިން 1991 ގައި އުފަންވި ކުންފުންޏެކެވެ.