Last Updated: May 8, 22:22
Wednesday, May 8, 2024
ކުޅިވަރު

ޔުވެންޓަސް ދޫކޮށް ޑި ލިޓް ބަޔާނަށް

ޔުވެންޓަސް އަށް ކުޅެމުން އައި ނެދަލޭންޑްސްގެ ޑިފެންޑަރު މަޓިއަސް ޑި ލިޓް ބަޔާން މިއުނިކަށް ބަދަލުވެއްޖެ އެވެ.

ޑި ލިޓް ،22، ބަޔާނަށް ބަދަލުވާނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 80 މިލިއަން ޔޫރޯގެ އަގަކަށެވެ. މި ޓްރާންސްފާއާ ގުޅޭގޮތުން ބަޔާނާއި ޔުވެންޓަސްއާ ދެމެދު މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ.

ޑި ލިޓް ހޯދަން ޗެލްސީން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ. ނަމަވެސް ޑި ލިޓް ބަޔާނަށް ބަދަލުވާން ބޭނުންވާކަން އެނގުނު ހިސާބުން ޗެލްސީން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާލާފަ އެވެ.

އަޔެކްސްގައި މޮޅު ކުޅުމެއް ދެއްކުމަށްފަހު ޑި ލިޓް ޔުވެންޓަސްއާ ގުޅުނީ 2019 ވަނަ އަހަރު އެވެ. އޭނާ ވަނީ ޔުވެންޓަސް އަށް 117 މެޗު ކުޅެދީ އެ ކްލަބާއެކު އިޓާލިއަން ލީގަކާއި އިޓާލިއަން ކަޕެއް ހޯދާފަ އެވެ.

ޑި ލިޓްގެ އިތުރުން މި ޓްރާންސްފާ މާކެޓުގައި ބަޔާނުން ވަނީ ލިވަޕޫލަށް ކުޅެމުން އައި ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ ވެސް އެ ކްލަބަށް ގެނެސްފަ އެވެ. ނަމަވެސް ބަޔާނަށް ކުޅެމުން އައި ޕޮލެންޑްގެ އިތުބާރު ފޯވާޑް ރޮބަޓް ލެވެންޑޯސްކީ ވަނީ އެ ކްލަބު ދޫކޮށް ސްޕެއިންގެ ބާސެލޯނާ އަށް ބަދަލުވެފަ އެވެ.