Last Updated: April 20, 18:15
Saturday, April 20, 2024
ދުނިޔެ

ވެލާތަކެއް މަރާލި މަައްސަލައެއް ބަލަނީ

ގިނަ އަދަދެއްގެ ވެލާތަކެއް މަރާލި މައްސަލައެއް ފެންމަތިވެ، ޖަޕާނުން އެކަން ތަހުގީގުކުރަން ފަށައފި އެވެ.

މީޑިއާތަކުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ޖަޕާނުގެ ކުމެޖީނާ ރަށުގެ އައްސޭރިފަށަށް މަރުވެފައިވާ 30 ވަރަކަށް ވެލާ ލައްގާފައިވާ ކަމަށެވެ. އަދި އެ ތަކެތި މަރާފައި ވަނީ އެ އެެއްޗެހީގެ އެކި ތަންތަނަށް ވަޅި ޖަހައިގެން ކަމަށް ވެސް ބުންޏެވެ. މިކަމާ ގުޅިގެން އެ ސަރަހައްދުގެ ބައެއް މަސްވެރިން ކިޔައި ދީފައިވާ ގޮތުގައި މަރާލައިގެން ލެއްގި ވެލާތަކަކީ މަސްވެރިންގެ ދާތަކުގައި ޖެހުމުން، ދަލުން ނައްޓަންވެގެން ކޮށްފައިވާ ކަމެކެވެ.

މަރާލި ވެލާތަކަކީ ވެލާގެ އެންމެ އާންމު އެއް ބާވަތް ކަމަށްވާ ގްރީން ވެލާތަކެކެވެ. އަދި އެ ބާވަތުގެ ވެލާތަކަކީ ޖަޕާނުން ނެތިދިއުމުގެ ބިރުހީވެފައިވާ ލިސްޓްގައި ވެސް ހިމެނޭ އެއްޗެކެވެ.

ވެލާތަކެއް މަރާލި މައްސަލަ ޖަޕާނުގެ ފުލުހުން ވެސް ތަހުގީގުކުރަމުން އަންނަ އިރު، ކަނޑުގެ ދިރުންތަކުގައި ހިމާހޔަރުގައި ވަކާލަތުކުރާ ބައެއް ޖަމިއްޔާތަކުން ވެސް އެކަމާ ކަންބޮޑުވުން ފާޅުކޮށް އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ގޮވާލާފައިވެ އެވެ.