Last Updated: April 27, 06:22
Saturday, April 27, 2024
ވިޔަފާރި

ސެމްސަންގުގެ އިވެންޓެއް އޮގަސްޓް 10 ގައި

ދެކުނު ކޮރެއާ މަޝްހޫރު ކުންފުނި، ސެމްސަންގުގެ އިވެންޓެއް އަންނަ މަހުގެ 10 ގައި ބާއްވަން ނިންމައިފި އެވެ.

"ގެލެކްސީ އަންޕެކްޑް" ގެ ނަމުގައި ބާއްވާ އިވެންޓާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ. އެކަމަކު އެ އިވެންޓް އިއުލާންކުރަން އާންމުކުރި ޕޯސްޓްގައި ފަތްޖެހޭ ފޯނެއްގެ ކުލަވަރު މާ ފަނޑު ނޫން ގޮތަކަށް ގެނެސްދީފައިވެ އެވެ.
ޓެކް ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި ގޮތުގައި އަންނަ މަހު ދައްކައިލާނެ ކަމަށް ބެލެވޭ ކުންފުނީގެ އާ އުފެއްދުންތަކުގެ ތެރޭގައި ސެމްސަންގުގެ ފަތްޖެހޭ ފޯނު، "ގެލެކްސީ ޒީ ފްލިޕް" ގެ ހަތަރު ވަނަ މޮޑެލް ހިމެނެ އެވެ. އެއަށް ދީފައިވާ ނަމަކީ "ގެލެކްސީ ފޯލްޑް 4" ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

މީގެ އިތުރުން އަންނަ މަހުގެ 10 ގައި ދައްކައިލާނެ ކަމަށް ބެލެވޭ އަނެއް އުފެއްދުމަކީ ސްމާޓް ގަޑީގެ އާ ސީރީޒެކެވެ. އެގޮތުން "ގެލެކްސީ ވޮޗް 5" އާއި "ގެލެކްސީ ވޮޗް 5 ޕްރޯ" ދައްކައިލާނެ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި އަންނަ މަހުގެ 10 ގައި ދައްކައިލާ ސެމްސަންގުގެ އާ އުފެއްދުންތައް އެ މަހުގެ 26 އިން ފެށިގެން ވިއްކާނެ އެވެ.

އަަންނަ މަހު ބާއްވާ އިވެންޓަކީ އާ އުފެއްދުންތައް ދައްކައިލަން އެ ކުންފުނިން މި އަހަރު ބާއްވާ ތިން ވަނަ އިވެންޓެވެ. ފުރަތަމަ އިވެންޓް ފެބްރުއަރީގައި ބޭއްވުމަށް ފަހު ދެވަނަ އިވެންޓް ބޭއްވީ މާޗް މަހު އެވެ.