Last Updated: May 1, 20:45
Wednesday, May 1, 2024
ކުޅިވަރު

އޭޝިއަން ކަޕް ބާއްވަން 4 ގައުމަކުން ޝައުގުވެރިވޭ

ކުރިން ޗައިނާގައ ބާއްވާ ގޮތަށް އޮތް ނަމަވެސް ކޮވިޑް-19 ގެ ހާލަތާ ހެދި އަންނަ އަހަރު އެ ގައުމުގައި އޭއެފްސީ އޭޝިއަން ކަޕް ނުބާއްވަން ނިންމުމާ ގުޅިގެން، އެ މުބާރާތް ހޯސްޓްކުރަން ހަތަރު ގައުމަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ދި އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (އޭއެފްސީ) އިން ބުނީ މުބާރާތް ބާއްވަން ޝައުގުވެރިކަން ފާޅުކުރި ގައުމުތަކަކީ އޮސްޓްރޭލިއާ އާއި އިންޑޮނީޝިއާ އާއި ކޮރެއާގެ އިތުރުން ގަތަރު ކަމަށެވެ. ގަތަރަކީ މި އަހަރުގެ ވޯލްޑް ކަޕް ވެސް ބާއްވާ ގައުމެވެ.

ހަތަރު ގައުމަކުން އަންނަ އަހަރު އޭޝިއަން ކަޕް ބާއްވަން ޝައުގުވެރިކަން ފާޅުކުރީ ޗައިނާ އިން މުބާރާތް ނުބާއްވަން މެއި މަހު ނިންމައި އެކަން އެންގުމާ ގުޅިގެން، މުބާރާތް ހޯސްޓްކުރަން ޝައުގުވެރިވާ ގައުމުތަކަށް މެއި 31 ގައި އޭއެފްސީން ހުޅުވައިލުމާ ގުޅިގެންނެވެ. ޝައުގުވެރިކަން ފާޅުކުރަން ދިން މުހުލަތު ހަމަވީ މި މަހުގެ 15 އަށެވެ.

އެހެންވެ މިހާރު ހަތަރު ގައުމަށް ވަނީ މުބާރާތުގެ ބިޑް ޑޮކިއުމަންޓް އަންނަ މަހުގެ 31 އާ ހަމައަށް ހުށަހެޅުމުގެ ފުރުސަތު ވެސް ދީފަ އެވެ.

އަންނަ އަހަރުގެ އޭޝިއަން ކަޕް ބާއްވަން ހަމަޖެހިފައި އޮތީ ޖޫން 16 އިން ޖުލައި 16 އަށެވެ.

ޖުމްލަ 24 ޓީމަކާ އެކީ ބާއްވާ އޭޝިއަން ކަޕަކީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. އެންމެ ފަހުން 2019 ގައި ބޭއްވި މުބާރާތުގެ ޗެމްޕިއަނަކީ އަންނަ އަހަރުގެ މުބާރާތް ބާއްވަން ޝައުގުވެރިކަން ފާޅުކުރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގަތަރެވެ. އެ މުބާރާތް އޮތީ ޔޫއޭއީގަ އެވެ.