Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ކުޅިވަރުން ރީތި ނަން ހޯދައި ދީ: ރައީސް

ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތަކުގައި ރާއްޖެ އަށް ރީތި ނަން ހޯދައި ދިނުމަށް ރާއްޖޭގެ އެތުލީޓުންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތްކޮށް ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެތުލީޓުންތަކެއްގެ ކިބައިން މިއަދު އެދިވަޑައިގެންފި އެވެ.

ރައީސް އެކަމަށް އެދިވަޑައިގަތީ ކޮމަންވެލްތް ގޭމްސް އާއި އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި ބައިވެރިވާ ދިވެހި އެތުލީޓުންނާއި އޮފިޝަލުންނާ މިއަދު ރައީސް ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ގައުމު ތަމްސީލުކުރަން ފުރުސަތު ލިބުމަކީ ވަރަށް މަދު ބަޔަކަށް ލިބޭނެ ނަސީބެއް ކަމަށާއި އެއީ ވަރަށް މަތިވެރި ޝަރަފެއްކަން ހަނދާނުގައި ބަހައްޓައިގެން މަސައްކަތްކުރުމަށް ވެސް އެތުލީޓުންގެ އެދިވަޑައިގެންފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އެތުލީޓުން ބައިނަލްއަގުވާމީ ފެންވަރުގައި ރަނގަޅު ކާމިޔާބީއެއް ހާސިލްކުރުމަށް ބޭނުންވާނެ ވަސީލަތްތަކާއި ތަމްރީނުތައް ހޯދުމަށް ކުރަން ޖެހޭ ކަންކަން ސަރުކާރުން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެގޮތުން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ރާއްޖޭގައި ކުޅިވަރު ކުޅެން ބޭނުންވާ ފަރާތްތަކަށް ވަކި ކުޅިވަރެއް ތަފާތުކުރުމެއް ނެތި ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރަމުން ގޮސްފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.

މިއަދު އޮތް ބައްދަލުވުމުގައި "ފޯ ދި އޯޝަންސް" ގެ ނަން ދީފައިވާ ޖާޒީ ކިޓެއް ރައީސަށް އަރުވާފައިވެ އެވެ. ރާއްޖޭގެ ކަނޑުތަކާއި ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ މިންވަރު ރަމްޒުކޮށްދޭ މި ކިޓް ފަރުމާކޮށްފައި ވަނީ ރާއްޖޭގެ ގޮނޑުދޮށްތަކުގެ ރީތިކަމާއި ފަރުތަކުގެ މުއްސަނދިކަން ދައްކުވައިދޭ ނިޝާންތަކުންނެވެ.

މި މަހުގެ 28 އިން އަންނަ މަހު 28 އަށް އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބާއްވާ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ 46 އެތުލީޓުންނާއި އޮފިޝަލުން ބައިވެރިވެ އެވެ. އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ފަރާތުން ތުރުކީގެ ކޮންޔާގައި އަންނަ މަހުގެ 8 އާއި 9 އަށް ބާއްވާ 5 ވަނަ އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި ރާއްޖޭގެ 62 އެތުލީޓުންނާއި އޮފިޝަލުން ބައިވެރިވެ އެވެ.