Last Updated: July 27, 09:53
Saturday, July 27, 2024
ޚަބަރު

100 މެގަވޮޓް ކަރަންޓު އުފެއްދޭ އިންޖީނުގެއެއް އަޅަނީ

އަހުމަދު ޝަރީފް- ފޮޓޯ: ސްޓެލްކޯ

ސަތޭކަ މެގަވޮޓް ކަރަންޓު އުފެއްދޭ ކެޕޭސިޓީގެ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފެށުމައް ތައްޔާރުވަމުން އަންކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މި ޕްރޮޖެކްޓްގެ ދަށުން ފުރަތަމަ ނިންމާފައިއޮތީ 50 މެގަވޮޓްގެ ކަރަންޓް އުފައްދާ ޚިދުމަތް ދިނުމަށް ނަމަވެސް މިހާރު ނިންމާފައިވަނީ 70 މެގަވޮޓްގެ ކަރަންޓް އުފައްދާ ޚިދުމަތް ދިނުމަށް ކަމަށެވެ. އަދި ޕްރޮޖެކްޓްގެ ދަށުން އަޅާ އިންޖީނުގެއަކީ 100 މެގަވޮޓްގެ ކަރަންޓު އުފެއްދޭ ކެޕޭސިޓީހުރި ތަނަކަށް ވާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށައެޅުމަށް ވަރަށް އަވަހަށް ހުޅުވާލެވޭނެ ކަމަށެވެ. އަދި އުއްމީދަކީ މިމަސައްކަތުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ތިން މަހު ފަށައިގަތުން ކަމަށްވެސް ވިދާޅުވިއެވެ. މި ޕްރޮޖެކްޓަރީ ހަކަތައިގެ ގޮތުން ރާއްޖޭގައި ހިންގޭ އެންމެ ބޮޑު ޕްރޮޖެކްޓައް ވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން ޝަރީފް ވިދާޅުވީ އިރުގެ ހަކަތައިން ކަރަންޓު އުފެއްދުމުގެ މަސައްކަތް ކުރެވޭނަމަ ކަރަންޓުގެ އަގު ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށާއި އެހެންކަމުން މިއަހަރު އެކަމަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ.

އިރުގެ ހަކަތައިން ކަރަންޓް އުފެއްދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސްޓެލްކޯއިން އަންނަނީ "އަވިކަތަ" ޕްރޮގްރާމްގެ ނަމުގައި ޕްރޮގްރާމެއްވެސް އިފްތިތާހު ކޮށްފައެވެ. މި ޕްރޮގްރާމުގެ ދަށުން ގޭގެ ވެރިފަރާތައް އެގޭ ފުރާޅު ކުއްޔައް ދީގެން އާމްދަނީ ހޯދުމުގެ މަގުވެސް އޮންނާނެ ކަމަށާއި، އެ އާމްދަނީގެ ސަބަބުން ކުއްޔަށް ދޭ ގޭގެ ކަރަންޓު ބިލަށް ޑިސްކައުންޓުވެސް ލިބޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.