Last Updated: April 26, 23:59
Saturday, April 27, 2024
ދުނިޔެ

މަންކީޕޮކްސް: ދުނިޔެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮން ގެބްރެޔެސުސް

ހަލުވި މިނެއްގައި ފެތުރެމުންދާ މަންކީޕޮކްސް އަކީ ދުނިޔޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ދުނިޔޭގެ ސިއްްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިއަދު ކަނޑައަޅައިފި އެވެ.

ޑަބްލިއުއެޗްއޯ އިން މިގޮތަށް ކަނޑައެޅީ މަންކީޕޮކްސްގެ ގިނަ އަދަދެއްގެ ކޭސްތަކެއް ފެންނަމުންދާތީ އެ ޖަމިއްޔާގެ އެމަޖެންސީ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެގޮތުން 75 ގައުމަކުން މި ބަލީގެ 16،000 އަށް ވުރެ ގިނަ ކޭސް މިހާރު ފެނިފައިވާއިރު، މި ބަލީގައި މިހާތަނަށް ވަނީ ފަސް މީހަކު މަރުވެފަ އެވެ.

މަންކީޕޮކްސް މީގެ ކުރިން ބޮޑަށް ފެނިފައި ވަނީ މެދުތެރޭ އަދި ހުޅަނގު އެފްރިކާގެ ގައުމުތަކުގެ ދުރު ހިސާބުތަކުން ނަމަވެސް މި ބަލީގެ ކޭސްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާރު އަންނަނީ ފެންނަމުންނެވެ. އަދި މި ބައްޔަކީ އެއަށް ހާއްސަ ވަކި ފަރުވާއެއް ނުވަތަ ވެކްސިނެއް ވެސް ނެތް ބައްޔެކެވެ.

މިއީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ޑަބްލިއުއެޗްއޯ އިން އިއުލާންކުރި ހަވަނަ ފަހަރެވެ. މީގެކުރިން ޑަބްލިއުއެޗްއޯ އިން އެމެޖެންސީ އިއުލާންކުރީ ސްވައިން ފްލޫ (2009) އާއި ޒިކާ (2016) އާއި ޕޯލިއޯގެ (2014) އިތުރުން އެބޯލާއާ (2014 އަދި 2019) އާއި ކޮވިޑް-19 އާއި ގުޅިގެންނެވެ.