Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އައްޑޫގައި އޮތީ ޕޯޓެއް ނޫން، ކޮންކްރީޓްގަނޑެއް

ސަރަހައްދީ ބަނދަރެއްގެ ގޮތުގައި އައްޑޫގައި ހަދާފައި އޮތީ ޕޯޓެއް ނޫން ކަމަށާއި އެއީ މިހާރު އެކަށީގެންވާ ބޭނުމެއް ވެސް ނުހިފޭ ގޮތަށް އޮތް ކޮންކްރީޓްގަނޑެއް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗެއާމަން މުހައްމަދު ޝަރީފު (ސެންކޯ ޝަރީފު) ވިދާޅުވެއްޖެ އެވެ.

އެމްޕީއެލްގެ ދަށުން ހިންގާ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) އިން މެނޭޖްކުރާ ޕޯޓާ ބެހޭ ގޮތުން ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ އެ ތަނަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ސަރަހައްދީ ޕޯޓެއްގެ ނަމުގައި އަޅާފައި އޮތް ކޮންކްރީޓްގަނޑެއް ކަމަށެވެ. އެހެންވެ މި ސަބަބާ ހުރެ އެ އެތަނުގެ ބޭނުން އެކަށީގެންވާ ގޮތަކަށް ނުހިފޭ ކަމަށާއި ބޮޑެތި ބޯޓްފަހަރަށް އެތަނަށް ކައިރު ވެސް ނުކުރެވޭ ކަމަށް ވިދާޅުވި އެވެ.

ހިތަދޫ ޕޯޓާ ގުޅޭ ގޮތުން މިހާތަނަށް އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކަ އަކީ ވެސް އެއީ އެވެ.

ޝަރީފު ވިދާޅުވި ގޮތުގައި އެތަން މިހާރު އޮތް ގޮތުން ބަނދަރުގެ ދަށަށް ފެން ވަންނަ ކަމަށާއި، އޭގެ ސަބަބުން ބޯޓްތަކުގެ ވާތައް ކަނޑައިގެން ދިއުން ފަދަ ކަންކަމާ ކުރިމަތިލާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ހިތަދޫ ޕޯޓްގައި ހުރި މައްސަލަތައް ހައްލުކޮށް ހަގީގީ ސަރަހައްދީ ބަނދަރަކަށް އެތަން ހަދަން މިހާރު އެމްޕީއެލުން ބޮޑު މަޝްރޫއެއް ފަށައިފަ އެވެ. ޝަރީފް ވިދާޅުވި ގޮތުގައި އެ ބަނދަރު ތަރައްގީކުރަން މިހާރު ފަށާފައި އޮތް މަޝްރޫއުގެ ސަބަބުން އެންމެ ބޮޑެތި ކާގޯ ބޯޓްތަކަށް ބަނދަރަށް ކައިރި ކުރެވޭނެ އެވެ.

އެ މަސައްކަތް ހަވާލުކޮށްފައި އޮތީ އެމްޓީސީސީއާ އެވެ. މިއީ 211.771 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ހިތަދޫ ޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ އޭޕްރީލް 2، 2021 ގަ އެވެ.

ޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، 500972 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 8.50 ހެކްޓަރުގެ ސަރަހައްދެއްގެ ބިންހިއްކުމާއި، 2،360 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 25،900 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ.

އައްޑޫގެ އިތުރުން މައުމޫންގެ ވެރިކަމުގައި ހދ. ކުޅުދުއްފުށީގައި ވެސް ސަރަހައްދީ ބަނދަރެއް ހެދި އެވެ. އެތަން ވެސް މިހާރު އަންނަނީ އިތުރަށް ތަރައްގީކުރަމުންނެވެ.