Last Updated: April 20, 16:20
Saturday, April 20, 2024
ޚަބަރު

އައްޑޫ ބިން ހިއްކަން ސާމާނު ގެންނަން ފަށައިފި

އައްޑޫގެ ބިން ހިއްކަން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ބޮޑު މަޝްރޫއާ ގުޅޭ އަމަލީ ކަންކަމަށް އެކަމާ ހަވާލުވެފައިވާ ނެދަލޭންޑްސްގެ ވެން އޫޑް ކުންފުނިން ތައްޔާރުވާން ފަށައިފި އެވެ.

އެގޮތުން މަސައްކަތަށް ބޭނުންވާ ސާމާނުތައް ވެސް އަައްޑު އަށް ގެނައުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން އެކަމަށް ބޭނުން ވެލި ނަގާނެ ތަނަކާ ގުޅޭ ސާވޭއެއް ވެން އޫޑް ހަދަން ހަމަޖެހިފައިވެ އެވެ.

އައްޑޫ ބިން ހިއްކަން ތައްޔާރީތައް ވަމުން ދިޔަ ނަމަވެސް މިކަމާ ގުޅޭ ގޮތުން ވޯޓަ ސޮލިއުޝަނުން ހެދި އީއަައިއޭ ރިޕޯޓަށް އެންވަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އަދިވެސް ހުއްދައެއް ނުދެ އެވެ. އެތަނުން މިދިޔަ މަހު ބުނެފައިވާ ގޮތުގައި ހުއްދަ ދިނުން ލަސްވަނީ ބިން ހިއްކުމުގެ މަޝްރޫއުގެ ސަބަބުން، އައްޑޫގެ ވެއްޓަށް ބޮޑެތި ގެއްލުންތަކެއް ވެދާނެކަމަށް ފާހަގަކޮށްފައިވާތީ އެކަންކަން އުތުރަށް ބަލައި ގެންނަން ޖެހޭ ބައެއް ބަދަލުތައް ގެނައުމުގެ ގޮތުންނެވެ.

ބިން ހިއްކުމުގެ މަޝްރޫއު ވެން އޭޑްއާ ސަރުކާރުން ހަވާލުކުރީ މިދިޔަ މާޗް މަހުގެ 27 އެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި މަޝްރޫއާ ގުޅޭ ނާޒުކު ކަންކަން ހުރުމާ އެކީ ބިން ހިއްކުން ކުރިއަށް ގެންދާނީ ވަރަށް ބޮޑަށް ބަލައިގެން ފަރުވާތެރިކަމާ އެކީގަ އެވެ. އެހެންވެ ކަމާ ގުޅޭ ތަޖުރިބާކާރުންގެ ފަންނީ ލަފާ ވެސް ހޯދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އައްޑޫ ބިން ހިއްކުމަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ މަޝްރޫއެކެވެ.

އައްޑޫގެ ބިން ހިއްކުމާ ގުޅޭ މުހިއްމު ބައެއް ކަންކަން:

* ޖުމްލަ 194.3 ހެކްޓަރުގެ ބިން ހިއްކާނެ
* ޖުމްލަ 11 ކިލޯމީޓަރު ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރާނެ
* ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކާނެ
* ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުން
* މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކާނެ
* ޓޫރިޒަމަށް ހާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުން
* މަޝްރޫއަށް 1.3 ބިލިއަން ރުފިޔާ ހޭދަވާނެ
* މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމާނެ

މިއީ އައްޑޫގައި ބިން ހިއްކަން މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫއެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނި ގޮތުގައި މި މަޝްރޫއުގެ ސަބަބުން މިހާރު އައްޑު އަށް އޮތް ބިމުގެ ދަތިކަން ކުރިއަށް 50 އަހަރަށް ހައްލުވާނެ އެވެ.