Last Updated: November 26, 13:03
Saturday, November 26, 2022
ޚަބަރު

ސްކޫލް ކުދިންނަށް މިނީ ބަހުގައި ހިލޭ ދަތުރު

ފެށުމަށް ތައްޔާރީތައް ވަމުން އަންނަ މިނީ ބަހުގެ ހިދުމަތް ސްކޫލް ދަރިވަރުންނަށް ހިލޭ ބޭނުން ކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން މިނީ ބަހުގެ ހިދުމަތް ދޭން އެންމެ ފުރަތަމަ ހަމަޖެހިފައި ވަނީ މާލެ އާއި އައްޑު އާއި ފުވައްމުލަކާއި ލ. އަތޮޅުގަ އެވެ. އެކަމަށް ބޭނުންވާ ބަސްތައް ގެނެސް އަތޮޅުތަކަށް ވެސް ބަސްތައް ފޮނުވުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

އެމްޓީސީސީން ބުނި ގޮތުގައި މިނީ ބަހުގެ ހިދުމަތް ފެށުމާ އެކީ އެ ހިދުމަތްދޭ ސަރަހައްދުތަކުގެ ސްކޫލް ކުދިންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ އިތުރުން 65 އަހަރުން މަތީގެ މީހުންނަށް މުޅިން ހިލޭ ބަހުގައި ދަތުރުކުރެވޭނެ އެވެ. އަދި މިކަމަކީ ހިދުމަތުގެ ތެރެއިން ވަރަށް ހާއްސަ ބައެއް ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

މިނީ ބަހުގެ ހިދުމަތަށް ފުރަތަމަ ފިޔަވަހީގައި 36 ބަސް ގެނެސްފައިވާ އިރު މާލޭގައި 12 އަދި އަަދި އަތޮޅުތަކުގައި 24 ބަސް ބޭނުންކުރާނެ އެވެ. އެގޮތުން އައްޑު އަށް 12 ބަސް، ފުވައްމުލަކަށް ފަސް ބަސް އަދި އަދި ލ. އަތޮޅަށް ހަތް ބަސް ފޮނުވާނެ އެވެ.
މިނީ ބަހުގެ ހިދުމަތް ދޭން ފަށާނެ ތާރީހެއް އެމްޓީސީސީން އަދި އިއުލާނެއް ނުކުރެ އެވެ.