2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޔޯގާ ދުވަސް ފާހަގަ ކުރަމުން އަންނައިރު، މި އަހަރުގެ ޔޯގާ ދުވަސް ވެގެންދިޔައީ ނުރައްކާތެރި ދުވަހަކަށެވެ. ޔޯގާ ދުވަސް ފާހަގަކުރުމާ ދެކޮޅަށް ކުރި މުޒާހަރާގެ ބައިވެރިން އެ ހަރަކާތް ބާއްވަން އޮތް ގަލޮޅު ދަނޑަށް ވަދެގަނެ، ހަމަނުޖެހުން އުފައްދާ މީހުންނަށް ހަމަލާދީ ތަކެއްޗަށް ގެއްލުންދީފައިވެއެވެ. ނަތީޖާއަކަށް ވެގެންދިޔައީ އެ މައްސަލައިގައި ގިނަ ބަޔަކު ހައްޔަރު ކުރުމެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން މިކަމުގައި ސަރުކާރާ ދެކޮޅަށް އަޑުއުފުލަން ފެށުމެވެ.
ޔޯގާ ދުވަހު ހިނގާދިޔަ ހަމަނުޖެހުމާ އެދުވަހު ސެކިއުރިޓީ ބްރީޗްވި ގޮތަކީ ފުލުހުންގެ އެންމެ އިސްސަފުން އެ ބޮޑު ފެއިލިއާގެ ޒިންމާ ނަގަންޖެހޭނެ ކަމެކެވެ. ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ ހިމެނޭ ގޮތަށެވެ. އިމްރާނު ޒިންމާ ނަގަންޖެހޭ ފުލުހުންގެ އިދާރާ ފެއިލްވުމުގެ ސިޔާސީ ފައިދާވެސް އެންމެ ބޮޑަށް ނަގަމުން އަންނަނީ އިމްރާންގެ އަދާލަތުންނެވެ.
ޔޯގާގެ ކަންކަމުގައި އަދާލަތު ޕާޓީގެ މެމްބަރުން އަދި އިސް މަގާމުތަކުގައި ތިބި ފަރާތްތަކުން ސަރުކާރަށް ހުއްޓުމެއް ނެތި ފާޑުކިޔަމުން އަންނައިރު، މިސިޔާސީ ޕާޓީން އެންމެފަހުން މިވަނީ ޔޯގާ ހަރާން ކަމަށްބުނެ ފަތުވާވެސް ނެރެފައެވެ.
އަދާލަތު ޕާޓީން މިގޮތަށް ރައުޔު ނެރުނު ނަމަވެސް މިކަމަށް ހިޔާލު ތަފާތުވާ ފަރާތްތައް އެބަ ތިއްބެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މި މައްސަލައިގައި އޮންލައިން ނޫސް "މިހާރު"އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ޔޯގާ ހެދުމުގައި އިރަށް އަޅުކަން ކުރުން ފަދަ ކަންކަން ކުރާ ކަމަށް ބައެއް މީހުން ބުނިނަމަވެސް އެފަދަ ކަމެއް ނެތްނަމަ އެކަމުގައި މައްސަލައެއް ނެތް ކަމަށެވެ.
"ހަރާން ވާނީ މާތް ﷲ ހަރާން ކުރެއްވި ކަންތައްތަކެއް. ހަރާން ކުރެއްވުމުގެ އިހުތިޔާރަކީ ހަމައެކަނި މާތް ﷲ އަށް އޮންނަ އިހުތިޔާރެކޭ. [ﷲ] ނާންގަވާ ކޮންމެ ކަމަކީ ހަލާލު ކަމެއް،" ރައީސް މައުމޫނާއި ހަވާލާދީ މިހާރު ނޫހުގައި ރިޕޯޓް ކޮށްފައިވެއެވެ.
ސިޔާސީ ޕާޓިއަކުން ޔޯގާ ހަރާމް ކުރިއިރު، ދީނީ ކަންކަމުގައި ފަތުވާ ނެރުމަށް ރާއްޖޭގައި ކަނޑައަޅާފައި އޮންނަ ރަސްމީ މަޖިލިސް މިކަމުގައި އަދިވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އިސްލާމިކް މިނިސްޓްރީން މިދިޔަ މަހުގެ 27 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ޔޯގާގެ ޝަރުއީ ހުކުމާ މެދު ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ތަފްސީލީ ފަތުވާއެއް ހޯދުމަށް ފަހު އާންމު ކުރެވޭނެ" ކަމަށެވެ.
މަސް ދުވަސްވީއިރުވެސް ފަތުވާ މަޖިލީހަށް މިކަމުގައި ރައުޔެއް ނުނެރެވި ތިބުމުން، މިކަމުގައި ސިޔާސީ ފައިދާ ނަގާ ފަރާތްތަކުން އެކަން ކުރަމުން އަންނަނީއެވެ. ދީން އައްޑަނައަކަށް ހަދައިގެން ސިޔާސީ މަސައްކަތުގައި އުޅުއްވާ ފަރާތްތަކުން ވެސް މިކަމުގައި ކުރެވެން ހުރި ސިިޔާސީ މަސައްކަތް ކުރަނީއެވެ.