Last Updated: July 1, 23:03
Wednesday, July 2, 2025
ޚަބަރު

ޝިރުކު ނުހިމެނޭ ގޮތަކަށް ޔޯގާ ނުހެދޭނެ: އިޔާޒް

ޝިރުކުގެ އަމަލެއް ނުހިމެނޭ ނަމަ ޔޯގާ ހެދުމަކީ މައްސަލައެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވުމާ ގުޅިގެން ޑރ. އިޔާޒް އެކަމަށް ރައްދު ދެއްވައިފި އެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންވާ އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝިރްކުގެ ޢަމަލެއް ނުހިމެނޭ ގޮތަށް ޔޯގާ ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

"[ޔޯގާގެ ތެރެއިން] އިރަށް އަޅުކަންކޮށް، އެފަދަ މީހުންކުރާ ކަންތައްތަކުގައި ބައިވެރިވެވޭނެ ގޮތެއް ނޯންނާނެ." އޭނާ ވިދާޅުވި އެވެ.

މައުމޫން ވިދާޅުވި ގޮތުގައި ޝިރުކުގެ އަމަލެއް ނުހިމެނޭ ނަމަ ޔޯގާ ހެދުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. އަދި އެއީ ހަމަ އާދައިގެ ކަސްރަތެކެވެ. އެކަމަކު ބައެއް މީހުން ބުނާ ގޮތުގައި ޔޯގާ ހެދުމުގައި އިރަށް އަޅުކަން ކުރުން ފަދަ ކަންކަން ޔޯގާގެ ތެރޭގައި ކުރާ ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި އެފަދަ ކަމެއް ނުކުރާ ނަމަ ޔޯގާ އަކީ ހަރާންކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ޔޯގާ މައްސަލާގައި އަދާލަތު ޕާޓީގެ އިލްމުވެރިން އިއްޔެ ރޭ ނެރުއްވި ކަރުދާހެއްގައި ބުނެފައި ވަނީ ޔޯގާ އަކީ ހިންދީ ދީނުގެ އަޅުކަމެއްކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަގީންވާ ކަމަށެވެ. އެގޮތުން ޔޯގާ ހެދުމުގެ ތެރޭގައި ހިންދީ ދީނުގެ ހާއްސަ ކަންތައްތަކެއް އިޢުތިޤާދުކުރުމާ އެކު ޔޯގާ ހަދާއިރު ހިންދޫ ކަލާނގެ އަށް ނިސްބަތްވާ ގޮތައް ޚާއްޞަ ކަލިމަތަކެއް ކިޔަން ޖެހޭ ކަމަށް ވެސް އަދާލަތުން ބުނެފައިވެ އެވެ.

އެހެންވެ އެކަމުގެ ތެރޭގައި ކުރާ އިޢުތިޤާދުތަކަށް ބަލާއިރު މީހާ މަރުވުމަށް ފަހު ރޫޙު އެހެން މަޚްލޫޤަކަށް ބަދަލުވާކަމާއި މަތިވެރި އިލާހާ އެކުވާކަމާއި އަދި އިރު ކަލާނގެ މަތިވެރި ކުރުން ފަދަ އެތައް އިޢުތިޤާދުތައް ޔޯގާގެތެރޭގައި ހިމެނިގެންވާ ކަމަށް އަދާލަތުން ޔޯގާއާ ގުޅޭ ގޮތުން ނެރުނު ކަރުދާހެއްގައި ބުނެފައިވެ އެވެ.