Last Updated: April 20, 17:09
Saturday, April 20, 2024
ޚަބަރު

ފޭދޫ ސޮކަ ކަޕް: ފެށުން މާދަމަ އަށް

ކުރިން މިއަދު ފަށާ ގޮތަށް އޮތް "ފޭދޫ ސޮކަ ކަޕް" މާދަމާ ފަށާ ގޮތަށް ތައްޔާރީތައްވެއްޖެ އެވެ.

މާދަމާ ހަވީރު 4:00 ގައި އައްޑޫ ޒޯން ސްޓޭޑިއަމްގައި ފަށާ މުބާރާތް ހުޅުވާ މެޗަށް ނުކުންނަން ހަމަޖެހިފައި ވަނީ ހިތަދޫ މައިލޯ އެފްސީ އާއި މަރަދޫފޭދޫ އަފިރިން އެފްސީ އެވެ. މިއީ ވަރަށް ގެ ފޯރިގަދަ ފެށުމަކަށް ވާނެ އެވެ. މި މެޗަށް ދެ ޓީމުން ވެސް އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ހާއްސަކޮށް މައިލޯ އެފްސީން ވަނީ މި މުބާރާތަށް ވަރުގަދަ ސްކޮޑެއް އެކުލަވާލައިފަ އެވެ.

މާދަމާގެ މެޗަށް މައިލޯ ނުކުންނަ އިރު، އެ ޓީމުގެ ގިނަ ކުޅުންތެރިން އިއްޔެ ހަވީރު ވަނީ ހުޅުދޫގައި ކުޅުނު "މިނިވަން ކަޕް ޔޫތު ޗެލެންޖު" ގެ ފައިނަލްގައި ކުޅެ ބަލިވެފަ އެވެ. އެހެންވެ ޓީމުގެ ކުޅުންތެރިންނަށް ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް ލިބުނު ނަމަވެސް މާދަމާގެ މެޗަށް ނިކުންނަނީ އެ މުބާރާތުގެ ހަދާންތައް އެއްފަރާތް ކުރުމަށްފަހުއެ ވެ.

"ފޭދޫ ސޮކަ ކަޕް" ގައި މި ފަހަރު ވާދަކުރަނީ ޖުމްލަ 4 ޓީމެކެވެ. އެއީ ހިތަދޫ މައިލޯ އެފްސީ އާއި އެފްސީ ޒެފިއާގެ އިތުރުން މަރަދޫފޭދޫ އެފްސީ އަފިރިން އަދި ފޭދޫ ފްރެންޑްސް ކްލަބެވެ.

މި މުބާރާތުގެ ހުރިހާ މެޗެއް ވެސް އައްޑޫލައިވްގެ ފޭސްބުކް ޕޭޖުން ވަގުތުން ގެނެސްދޭން ހަމަޖެހިފައިވެ އެވެ.