Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

ފަތުވާ ކައުންސިލް އެކްޓިވްކުރޭ: ޑރ. ޝަހީމް

ދީނީ ގޮތުން މިހާރު ތަފާތު "ފަތުވާތައް" ނެރެ، ދީނީ ގޮތުން ބައިބައިވުން އުފެދޭ ކަހަލަ މައްސަލަތައް ބޮޑުވަމުންދާތީ ރާއްޖޭގެ ފަތުވާ ކައުންސިލް ހަރަކާތްތެރިކުރުވުމަށް ޑރ. ޝަހީމް އަލީ ސައީދު އަނެއްކާ ވެސް ގޮވާލައްވައިފި އެވެ.

އިސްލާމިކް މިނިސްޓްރީ ވެސް ޓެގްކުރައްވައި އޭނަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމު ދީނީ ގޮތުން ބައިބައިވުމަށް ޖާގަ ނުދޭން އެދިވަޑައިގެންފަ އެވެ. ފަތުވާ މަޖިލީސް ހަރަކާތްތެރިކޮށް، އޭގެ ދައުރު އަދާކުރުމުގެ ފުރުސަތު ފަހިކޮށްދޭން ޝަހީމް މިއަދު ގޮވާލެއްވި ޔޯގާގެ މައްސަލާގައި މިހާރު ދަނީ ތަފާތު "ފަތުވާތަކެއް" ނެރެމުންނެވެ.

އެގޮތުން އަދާލަތު ޕާޓީން ޔޯގާ ހަރާންކަމެއް ކަމަށް ބުނެފައިވާ އިރު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެފައި ވަނީ ޝިރުކެއް ނުހިމެނޭ ގޮތަށް ޔޯގާ ހަދާ ނަމަ އެއީ މައްސަލައެއް ނޫން ކަމަށެވެ. އަދި ޔޯގާ އާއި އިސްލާމް ދީނާ ގުޅުވައިގެން ދެއްކޭނެ ވާހަކައެއް ނެތް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

މިކަހަލަ ތަފާތު "ފަތުވާ" ގެ މައްސަލަތަކާއި ރާއްޖޭގައި ހިނގަމުންދާ ފާހިޝް ބޮޑެތި މައްސަލަތަކުގައި ފަތުމާ ކޮމެޓީގެ އެއްވެސް ދައުރެއް މިހާރު ނެތުމުން ޝަހީމް ކުރިން ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އޭނަ މިދިޔަ ޖޫން މަހުގެ 23 ގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީނީ ކަންކަމުގައި ރަސްމީ ފަތުވާ ދިނުމަށް އުފައްދާފައިވާ ފަތުވާއާ ބެހޭ އެންމެ މަތީ މަޖިލިސް ޕެރެލައިޒްކޮށްފައި އޮތުން އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

ޝަހީމް ވިދާޅުވި ގޮތުގައި ދައުލަތުގައި ފަތުވާގެ ރަސްމީ ހަރުދަނާ ނިޒާމެއް ގާއިމު ކުރަން ޖެހިފައިވާ ކަމަށެވެ.

އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޤާނޫނަކުން ފަތުވާ ކައުންސިލް އުފައްދައި މެންބަރުން އައްޔަންކުރި ކަމަށާއި އޭގެ މުއްދަތު ހަމަވުމުން މެމްބަރުން ޢައްޔަންނުކޮށް އޮންނަތާ އެތައް މުއްދަތެއްވެއްޖެ ކަމަށް ވިދާޅުވި އެވެ.

"މި ގޮތަށް އެ މުއައްސަސާ ޕެރަލައިޒްކޮށްލުމުގެ ނަތީޖާ އަކީ އެ ޒިންމާ ދައުލަތް ނޫން އެހެން ފަރާތްތަކުން ނެގުން." ޝަހީމް ވިދާޅުވި އެވެ.