ޔޯގާ އަކީ މުސްލިމުންނަށް ކުރުން ހަރާންވާނެ ކަމެއް ކަމަށް ބުނެ 100 އަށް ވުރެ ގިނަ އިލްމުވެރިން ފަތުވާ ނެރެފި އެވެ.
ޔޯގާ ހަދާ އިރު އޭގައި ޝިރުކް ނުހިމެނޭ ނަމަ އެކަން ކުރުން އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށް ރާއްޖޭގެ ކުރީގެ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވުމުން، އެކަމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުވެފައި ވަނިކޮށް 104 އިލްމުވެރިން ސޮއިކުރައްވައި، "އިލްމުވެރިންގެ ގުޅުން" އިން ނެރުނު ފަތުވާގައި ބުނީ ކަސްރަތެއްގެ ގޮތުގައި އާއި އަދި އެ ނޫން ގޮތަކަށް ކަމަށް ވިޔަސް ޔޯގާ ހެދުމާއި ޔޯގާގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ މުސްލިމުންގެ މައްޗަށް ހަރާމް ކަމެއް ކަމަށެވެ.
މިގޮތަށް ފަތުވާ ނެރެފައި ވަނީ މި މަހުގެ 15-18 އަށް ކުރި ދިރާސާއަކަށް ފަހު އެވެ.
އޭގެ ހުލާސާ ރިޕޯޓްގައި ބުނެފައި ވަނީ ހިންދޫ ދީނުގެ މީހުންނަށް ޔޯގާ އަކީ ޖިސްމާނީ ގޮތުން ކުރެވޭ ދީނީ މުގައްދަސް ހަރަކާތްތަކެއް ކަމަށާއި ހިނދޫންނާއި ބުޑިސްޓުން ދެކޭ ގޮތުގައި ޔޯގާ ބިނާވަނީ ހަށިގަނޑުގެ ބާރާއި ނަފުސާނީ ބަރުގެ އިތުރުން ސިކުނޑީގެ ބާރުގެ މައްޗަށް ކަމަަށާއި ޔޯގާގެ ފަސް ބައި ފުރިހަމަވުމުން އެ މީހާ ބަލި ވުމާއި މުސްކުޅި ވުމާއި މަރު ވުމުން ވެސް ސަލާމަތްވެފައިވާ ކަމަށް އެ މީހުން ގަބޫލުކުރާ ކަންތައްތަކެއްގެ މައްޗަށް ކަމަށެވެ.
އޭގައި ބުނީ ކަސްރަތުގެ ނަމުގައި ބުދު ދީނުގެ އަހުލުވެރީންނާއި ހިންދޫން ޔޯގާ ފެތުރުމުގެ ބޭނުމަކީ އެ މީހުންގެ ދީނަށް މީސްތަކުން ލޯބި ޖައްސައި ދީނަށް ވެއްދުމަށްޓަކައި ރޭވުންތެރި ހަމަހިމޭން ދައުވަތެއް ދިނުން ކަމަށެވެ. "އިލްމުވެރިންގެ ގުޅުމުން" ގެ ރިޕޯޓްފައި ބުނީ ޔޯގާއާ ބެހޭ ގޮތުން އިސްލާމީ އުންމަތުގެ އިލްމުވެރިން ދިރާސާ ކުރުމަށް ފަހު ދެއްވާފައިވާ ފަތުވާތަކުގެ ހަގީގަތްތަކަށް ބަލާއިރު، ފިގުހު އިލްމުވެރިން ބުރަވެވަޑައިގަންނަވަނީ ޔޯގާއަކީ ހަރާމް ކަމެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން އެކަމާ ގުޅޭ ގުރުއާނާއި ސުންނަތުން ދަލީލުތައް ވެސް ރިޕޯޓްގައި ހިމަނާފައިވެ އެވެ.
"ޔޯގާ އަކީ ހަމައެކަނި ކަސްރަތެއްގެ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރުމުގެ ބޭނުމަކީ އެހެން އަގީދާތަކުގެ މީސްތަކުންނަށް އޮޅުވާލައިގެން އެ ބައިމީހުން ލައްވައި ހިންދޫ ދީނުގެ އަޅުކަންތައް ކުރުވުމެވެ،" ރިޕޯޓްގައިވެ އެވެ. "އަދި އެ ދީންތަކުގެ ކަންކަމަށް ލޯބި ޖައްސައި އެ ދީންތަކަށް ތަބާވާ ބައެއް ކަމުގައި މީސްތަކުން ހެދުމެވެ."
ޔޯގާ މައްސަލާގައި އަދާލަތު ޕާޓީގެ އިލްމުވެރިންތަކެއް ވެސް ވަނީ ކަރުދާހެއް ނެރެ، ޔޯގާ އަކީ ހަރާން އެއްޗެއް ކަމަށް ބުނެފަ އެވެ. އެ ޕާޓީން ބުނީ ޔޯގާ އަކީ ހިންދީ ދީނުގެ އަޅުކަމެއްކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަގީންވާ ކަމަށެވެ. އެގޮތުން ޔޯގާ ހެދުމުގެ ތެރޭގައި ހިންދީ ދީނުގެ ހާއްސަ ކަންތައްތަކެއް އިޢުތިޤާދުކުރުމާ އެކު ޔޯގާ ހަދާއިރު ހިންދޫ ކަލާނގެ އަށް ނިސްބަތްވާ ގޮތައް ޚާއްޞަ ކަލިމަތަކެއް ކިޔަން ޖެހޭ ކަމަށް ވެސް އަދާލަތުން ބުނެފައިވެ އެވެ.
އެހެންވެ އެކަމުގެ ތެރޭގައި ކުރާ އިޢުތިޤާދުތަކަށް ބަލާއިރު މީހާ މަރުވުމަށް ފަހު ރޫޙު އެހެން މަޚްލޫޤަކަށް ބަދަލުވާކަމާއި މަތިވެރި އިލާހާ އެކުވާކަމާއި އަދި އިރު ކަލާނގެ މަތިވެރި ކުރުން ފަދަ އެތައް އިޢުތިޤާދުތައް ޔޯގާގެތެރޭގައި ހިމެނިގެންވާ ކަމަށް އަދާލަތުން ޔޯގާއާ ގުޅޭ ގޮތުން ނެރުނު ކަރުދާހުގައި ބުނެފައިވެ އެވެ.
އަދާލަތު ޕާޓީގެ އިތުރުން ދީނީ ގިނަ އިލްމުވެރިންތަކެއް ތިއްބަވާ ސަލަފަ ޖަމިއްޔާ އިން ވެސް ތަކުރުކޮށް ބުނަމުން އަންނަނީ ޔޯގާ އަކީ މުސްލިމުންނަށް ހުއްދަވާނެ ކަމެއް ނޫން ކަމަށާއި އެކަމާ ދުރުވާން ޖެހޭ ކަމަށެވެ.