ޔޯގާ ނުހެދިޔަސް ކުރެވޭނެ ކަސްރަތުތައް ވަރަށް ގިނަ ކަމަށާއި އެހެންވެ ޝިރުކުން ދުރުވާން ޖެހޭ ކަމަށް ޑރ. އިޔާޒް ވިދާޅުވެއްޖެ އެވެ.
އޭނާ ނިސްބަތްވާ ޕާޓީ، އަދާލަތުން ވެސް ޔޯގާ އަކީ މުސްލިމުންނަށް ކުރުން ހަރާންކަމެއްގެ ގޮތުގައި ކަނޑައަޅައި ފަތުވާ ނެރެފައިވާ އިރު، އިޔާޒް ކުރެއްވި ޓްވީޓްތަކެއްގައި މިއަދު ވިދާޅުވީ ކަސްރަތު ކުރުމުގެ ނަމުގައި މުސްލިމުން ޝިރްކުގެ ތެރެޔަށް ވައްޓާލައި ނަރަކައިގެ އަލިފާންގަނޑުގެ ތެރޭގައި ތާއަބަދަށް އަނދައަނދާ ތިބޭ ބަޔަކަން ބަޔަކު މަސައްކަތްނުކުރަން ވެސް ގޮވާލައްވައިފަ އެވެ.
"މުސްލިމުން ކަމުގައިވާ ޙާލު މި ދުނިޔެ ދޫކުރަން ފުރުޞަތުދެއްވާ." އޭނާ ވިދާޅުވި އެވެ.
އިޔާޒް ވިދާޅުވި ގޮތުގައި ޔޯގާ ހާއްސަކުރެވެނީ ކީއްވެގެން ބަލާލުމުން މައްސަލަ ވަރަށް ސާފުވާނެ ކަމަށެވެ.
"މީގެ އިތުރުން ޔޯގާގެ މާނަ އާއި އުފެދުމާއި އަދު ޚުދު ހިންދޫ ދީނުގެ ފާދިރީން ޔޯގާ އާއި ބެހޭގޮތުން ބުނެފައިވާ ބަސްތަކުން އެއީ މުސްލިމުން ކައިރިވާން ހެޔޮވާވަރުގެ ކަމެއްނޫންކަން ސާފުވާނެ." އޭނާ ވިދާޅުވި އެވެ.
ޔޯގާ ނުހެދިޔަސް ކުރެވިދާނެ ކަސްރަތުތައް ވަރަށް ގިނަ. ވީމާ، ކަސްރަތު ކުރުމުގެ ނަމުގައި މުސްލިމުން ޝިރްކުގެ ތެރެޔަށް ވައްޓާލާ ނަރަކައިގެ އަލިފާންގަނޑުގެ ތެރޭގައި ތާއަބަދަށް އަނދައަނދާތިބޭ ބަޔަކުކަމުގައި ހަދަން ނޫޅުއްވާ. މުސްލިމުން ކަމުގައިވާ ޙާލު މިދުނިޔެ ދޫކުރަން ފުރުޞަތު ދެއްވާ.
— Dr.Mohamed Iyaz (@dr_iyaz) July 27, 2022
އިޔާޒް ވިދާޅުވީ ދީނުގެ އެއްވެސް ކަމަކީ އަމިއްލަ ވިސްނުމަށް ވިސްނައިގެން ނިންމޭނެ ކަންކަމެއް ނޫން ކަމަށެވެ. އެހެން ނަމަ، ޚުއްފުގައި ފެންފޮހެން ޖެހޭނީ ޚުއްފުގެ ދަށުގައި މައްޗަކު ނޫން ކަމަށެވެ.
"ކޮންމެ އަހަރެއްގެ ޖޫން މަހުގެ 21 ވަނަ ދުވަސް ޔޯގާ ޑޭގެ ގޮތުގައި ހަމަޖައްސާފައި ވަނީ ކީއްވެކަމާއި އިރު އަރާ އަދި އޮއްސޭ ވަގުތު." އިޔާޒް ވިދާޅުވި އެވެ.
ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ހަރާން ކަމަށް ފަތުވާ ނެރުއްވި ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެފައި ވަނީ ޔޯގާ ހެދުމުގައި ޝިރުކުގެ އަމަލެއް ނުހިމެނޭ ނަމަ އެކަން ކުރުން އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. އަދި ޔޯގާ އާއި އިސްލާމް ދީނާ ގުޅުވޭނެ ސަބަބެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.
ނޫސްބަޔާން: އިޖުތިމާޢީ އެކިއެކި ހަރަކާތްތަކާއި އިސްލާމް ދީނާއި ގުޅުވައި ރައްޔިތުންގެ މެދުގައި ފަތުރާ ބައެއް ރައުޔުތަކާއި ގުޅިގެން އެމް.އާރް.އެމް. އިން ދެކޭ ގޮތް ހާމަކުރުން
ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ ދިރާސާ ލިޔުން ވިދާޅުވުމަށް:https://t.co/IIfJwa9g5g
2/2 pic.twitter.com/U7fjFGgA3x
— Maldives Reform Movement (MRM) 🇲🇻 (@MRM_Office) July 27, 2022
މައުމޫން ވިދާޅުވި ގޮތުގައި ޝިރުކްގެ އަމަލެއް ނުހިމެނޭ ގޮތަށް ޔޯގާ ހެދުމަކީ ތިމާގެ ސިއްހީ، ނަފުސާނީ ދުޅަހެޔޮކަމަށްޓަކައި ކުރާ ކަސްރަތެއް ކަމަށެވެ.
މައުމޫން މި މޭރުމުން ފަތުވާ ނެރުއްވުމުން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވެސް އަމާޒުވެފައިވެ އެވެ. އަދި އެކަމާ ގުޅިގެން މައުމުން މިހާރު ވަނީ އަނެއްކާ ވެސް ޔޯގާއާ ބެހޭ ގޮތުން ދެއްކެވި ވާހަކަ ދިފާއުކުރައްވައި ލިޔުމެއް ވެސް އާންމުކުރައްވައިފަ އެވެ.