Last Updated: April 26, 23:59
Friday, April 26, 2024
ދުނިޔެ

ސްޕެއިންގެ އަންހެނުން ހިއްކަން ކެމްޕޭނެއް

ސްޕެއިންގެ އަންހެނުން މިހާރު މާ ބޮޑަށް ފަލަވާތީ އެ މީހުން ހިކެން ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

މި ކެމްޕޭންގެ އަމާޒަކީ ހުޅަނގުގެ ގައުމުތަކުގައި ލޫޅާފަތިކޮށް ތިބޭ އަންހެނުން އާންމުކޮށް މޫދާއި ޕޫލް ފަދަ ތަންތަނަށް އެރި އުޅޭ އިރު، ލައިގެން ތިބޭ ކަހަލަ އެއްޗެހި ލަދުވެތިކަމެއް ނެތި ލައިގެން އެރެވޭ ވަރަށް އެ މީހުންގެ ބައްޓަން ރީތިކުރަން ހިތްވަރު ދިނުމެވެ. ސްޕެއިންގެ އީކްއަލިޓީ މިނިސްޓްރީން ފެށި ކެމްޕޭނުގެ ޝިއާރަކީ "ސަމާ އިޒް އަވާސް ޓޫ" އެވެ.

ސްޕެއިންގެ ސޯޝަލް ސާވިސެސް މިނިސްޓަރު އައޯން ބެލަރާ ވިދާޅުވި ގޮތުގައި އަންހެނުން ހިކެން ހިތްވަރުދޭން ފެށި ކެމްޕޭނަކީ ނަތީޖާ ނެރެވޭނެ ވަރަށް އުންމީދީ ކެމްޕޭނަކަށް ވާނެ އެވެ. އަދި މިއީ ދުޅަހެޔޮ ލައިފްސްޓައިލަކަށް ވެސް ހިތްވަރުދޭ ކަމަކަށްވާތީ ގިނަ ބަޔަކު ހިކެން މަސައްކަތްކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ކޮންމެ މީހަކީ ވެސް ބީޗް ބޮޑީއެއް ހާސިލުކުރެވިދާނެ މީހެއް." މިނިސްޓަރު ވިދާޅުވި އެވެ.

ސްޕެއިންގެ ވިމެންސް އިސްޓިޓިއުޓްގެ ވެރިޔާ އެންޓޯނިއޯ މޮރިލާސް ވިދާޅުވި ގޮތުގައި އަންހެނުން މާ ބޮޑަށް ފަލަވުމަކީ ހަމައެކަނި ޖިސްމާނީ ގޮތުން ދެރައެއް ނޫނެވެ. އަދި އެއީ ހައްގުތައް ކަށަވަރުވުމަށް ވެސް ހުރަހަކަށްވާ ކަމަށް އޭނާ ވިދާޅުވި އެވެ.