Last Updated: April 24, 11:39
Wednesday, April 24, 2024
ޚަބަރު

ޑަބްލިއުއެޗްއޯގެ އިލްތިމާސެއް ފިރިހެނުންނަށް

ދުނިޔޭގައި މިހާރު ބާރަށް މަންކީޕޮކްސް ފެތުރެމުންދާތީ އެކަން ކޮންޓްރޯލްކުރުމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަކިން ހާއްސަކޮށް ފިރިހެނުންނަށް އިލްތިމާސެއްކޮށްފި އެވެ.

އެ ޖަމިއްޔާގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވީ މިހާތަނަށް ފެނިފައިވާ މަންކީޕޮކްސްގެ ކޭސްތައް އެންމެ ބޮޑަށް ގުޅެނީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންނާ ކަމަށެވެ. ދިރާސާއަކުން ވެސް މިކަން ހާމަވެފައިވާ އިރު، އެއްޖިންސުން ގުޅުން ހިންގާ މީހުން އެކަމަށް ސަމާލުވާން ޖެހޭ މަށް ބުނެފައިވެ އެވެ.

ޓެޑްރޯސް އިއްޔެ ވިދާޅުވީ މަންކީޕޮކްސްގެ މަދުކުރަން މި ވަގުތު އެންމެ ބޮޑަށް މަސައްކަތްކުރެވެން އޮތީ އެއްޖިންސުން ގުޅުން ހިންގާ މީހުން އެކަން ކޮންޓްރޯލްކޮށްގެން ކަމަށެ. އެގޮތުން ގިނަ މީހުންނާ އެކީ ހިންގާ ބަޔަކާ އެކީ ގުޅުން ހިންގާ ނަމަ ބަލީގެ ނުރައްކާ ވަރަށް ބޮޑު ކަމަށާއި އޭގެ ސަބަބުން ގިނަ ބައެއްގެ މެދުގައި ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު ވެސް ވަރަށް ބޮޑު ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ ގައުމުތަކުން އެބަޖެހޭ މިކަމާ ސިރިއަސްކޮިށް ވިސްނަން. ހާއްސަ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުން އެބަޖެހޭ އެ މީހުން ގުޅުން ހިންގާ މީހުން ވަރަށް ބޮޑަށް މަދުކުރަން." ޓެޑްރޯސް ވިދާޅުވި އެވެ.

އެއްޖިންސުން ގުޅުން ހިންގުމަކީ މިހާރު އިންސާނީ ހައްގެއް ކަމަށް ވަކާލާތުކޮށް ހުޅަނގުގެ ވަރަށް ގިނަ ގައުމުތަކުން ޕްރޮމޯޓްކޮށް އަދި ގާނޫނީ ގޮތުން ވެސް ހުއްދަކުރަމުންދާ ފާހިޝް ބޮޑު އަމަލެކެވެ. އަދި މިއީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ހަރާންކަމެކެވެ.

ޓެޑްރޯސް ވިދާޅުވީ އެެއްޖިންސުން ގުޅުން ހިންގުމުގެ ސަގާފަތް އޮންނަ ގައުމުތަކުން މަންކީޕިކްސްއާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އެލްޖީބީޓީ ކޮމިއުނިޓީ އަށް ނިސްބަތްވާ މީހުން ވަރަށް ހޭލުންތެރި ކުރުވަން ޖެހޭ ކަމަށެވެ. އަދި މިއީ ތަފާތުކުރުން ނުގެންގުޅެ، ވިސްނުންތެރިކަމާ އެކީ ކުރަން ޖެހޭ ކަމމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ކޮމިއުނިޓީތައް ތަފާތުކުރުމަކީ އަދި ވައިރަސްހާ ނުރައްކާތެރި ކަމެއް." ޓެޑްރޯސް ވިދާޅުވި އެވެ.

މަންކީޕޮކްސްގެ ކޭސްތައް މި ފަހުން އިތުރުން ފެށުމާ ގުޅިގެން އެ ބައްޔާ ބެހޭ ގޮތުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި މިހާތަނަށް ބަލި ޖެހުނު މީހުންގެ 98 ޕަސެންޓަކީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެމުންނެވެ. ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގައި ޝާއިއުކޮށްފައިވާ އެ ދިރާސާގައި ބުނެފައިވާ ގޮތުގައި މަންކީޕޮކްސް ޖެހިފައިވާ މީހުންގެ އެވްރެޖް އުމުރަކީ 38 އަހަރެވެ. އަދި މީގެ ތެރޭ އުމުރުން 18-68 އަހަރާ ދެމެދުގެ މީހުން ހިމެނެ އެވެ. އޭގެ ތެރެއިން ހަތަރު ބައިކުޅަ ތިން ބަޔަކީ ދޮން މީހުންނެވެ. އަދި 41 ޕަސެންޓަކީ އެއިޑްސް ޖެހިފައިވާ މީހުންނެވެ.

އެޗްއައިވީ ވައިރަހުން ޖެހޭ އެއިޑްސް އަކީ ރައްކާތެރި ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގާ މީހުންގެ މެދުގައި މިހާރު ވަރަށް އާންމު ބައްޔެކެވެ. އަދި މި ބައްޔަކީ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގައި އާންމު ބައްޔެކެވެ.