Last Updated: August 18, 08:36
Thursday, August 18, 2022
ޚަބަރު

މުޑުދާރު އަމަލު ހިންގާ މީހުންނަށް ފިޔަވަޅު އަޅާނެ

މިނިސްޓަރު އިމްރާން އަބްދުﷲ- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މުޑުދާރު އަމަލު ހިންގާ މީހުންނަށް ފިޔަވަޅު އަޅަން ފުލުހުން ފަސްނުޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކީ އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތު ކުރެވޭ މީހުންނާއި ލިވާތާ ގުޅޭ އެހެން މައްސަލަތަކުގައި ތުހުމަތުވާ މީހުން ހައްޔަރުކުރަން ފުލުހުން މިއަދު ފެށުމުންނެވެ.

އެކަމާ ގުޅިގެން އިމްރާން ވިދާޅުވީ މުޑުދާރު އަމަލު ހިންގާ މީހުންނަށް ގާނޫނުގައިވާ ފިޔަވަޅުތައް އެޅުމަށް ފުލުހުން ފަސް ނުޖެހޭނެކަން ކަށަވަރުކޮށް އަރުވާ ކަމަށެވެ. ނަމަވެސް ޖިނާއީ އަދުލު ހިންގުމަކީ ހަމައެކަނި ފުލުހުންގެ އަތްމަތީގައި އޮތް ކަމެއް ނޫންކަން ފާހަގަކުރައްވާ އިމްރާން ވަނީ ނިޒާމުގައި ހިމެނޭ އެންމެން މާތްﷲ އަށް ބިރުވެތިވެ ފުރިހަމަ ޒިންމާ އަދާކުރަން ގޮވާލާފަ އެވެ.

އަލަމްގީރް މައްސަލާއާ ގުޅިގެން މިއަދު އެންމެ ފުރަތަމަ ހައްޔަރުކޮށްފައި ވަނީ މުހައްމަދު ނަޝީދު (ކާނަލް) އެވެ. އޭނާ ހައްޔަރުކުރުމަށް ފަހު މިއަދު އިތުރު ބަޔަކު ވެސް ހައްޔަރުކުރަން ފުލުހުން އަންނަނީ އޮޕަރޭޝަނެއް ހިންގަމުންނެވެ.

އަލަމްގީރް، 25، އާ އެކީ ގުޅުން ހިންގި މީހުންގެ ބައެއް ވީޑިއޯތައް ލީކްކޮށްފައިވާ އިރު، އޭގެ ތެރޭގައި މިހާތަނަށް ހިމެނެނީ ހަތަރު ވީޑިއޯއެކެވެ. އެއީ ކާނަލް ފެންނަ ވީޑިއޯއަކާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ފެންނަ ވީޑިއޯއަކާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީގެ ދަރިފުޅު އައްފާން އަބްދުއްސައްތާރުގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް (ޑިއީޑީ) ގައި ކުރިން މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއު އެެވެ.

އަލަމްގީރާ އެކީ ގުޅުން ހިންގި މީހުން ހައްޔަރުކުރަން ފެށި އިރު، އޭނާ މި މަހުގެ 12 ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މި މައްސަލަ ފެންމަތިވީ މިދިޔަ މަހުގެ ތެރޭގަ އެވެ. އަޑު އަރާފައިވާ ގޮތުން އަލަމްގީރާ އެކީ 250 އެއްހާ މީހުން ގުޅުން ހިންގާފައިވެ އެވެ.