Last Updated: April 25, 12:03
Thursday, April 25, 2024
ރިޕޯޓް

ރާއްޖޭން ބަންގާޅަށް ލޯބި!

ރާއްޖޭގައި މިހާރު އެންމެ ގަދައަށް ދެކެވެނީ ބަންގްލަދޭޝްގެ އަލަމްގީރެއްގެ ވާހަކަ އެވެ. އެ ވާހަކަ އޮތީ "ގައުމީ ބޮޑު މައްސަލައެއް" ގެ ގޮތުގަ އެވެ.

އެކަމަކު މިހާރު ލުއިކޮށް ދައްކަން ބޭނުން ވަނީ ރާއްޖޭން ބަންގްލަދޭޝް އޮތް ލޯތްބެއްގެ ވާހަކަ އެވެ. ދިވެހި އަންހެނަކާ ބަންގްދޭޝްގެ މީހަކު ކައިވެނިކޮށްގެން މިދިޔަ އާދީއްތަ ދުވަހު އެނބުރި ދިއުމުން އެ ވާހަކަ ބަންގްލަދޭޝްގެ ބައެއް މީޑިއާތަކުގެ ސުރުހީތަކަށް ވެސް ވަނީ އަރައިފަ އެވެ.

މިއީ މިިދޔަ އަހަރުގެ އޮކްޓޯބަރުގައި މާލޭގައި ކައިވެނިކުރި ހައްވާ އަހުމަދު (ހައްވޫ) އާއި މުހައްމަދު ރަސަލްގެ ލޯބީގެ ވާހަކަ އެވެ. މި ދެ މީހުން އެނބުރި ބަންގްލަދޭޝް ދިއުމުން އާއިލާ އަށް ބޮޑު އުފާވެރި ކަމެއް ލިބި، މުހައްމަދު އާއިލާ އިން ހައްވޫ ބަލައިގަތީ ހިނިވުންމާ އެކީގަ އެވެ.

މުހައްމަދުގެ ބައްޕަ އަބްދޫރު ރަޝީދު ކިޔައިދިން ގޮތުގައި ޅީ ދަރިފުޅު ހައްވޫ ވަރަށް ވެސް ރަނގަޅެވެ. އެންމެންނާ ވެސް ވަރަށް ގުޅެ އެވެ.

"ހީވަނީ ހަމަ ޒަމާންތަކެއް ވަންދެން އަހަރެމެން އެކީ އުޅުނު މީހެއްހެއް. ވަރަށް ގާތްކޮށް ޅީދަރިފުޅު އުޅެނީ." އޭނާ ބުންޏެވެ.

މުހައްމަދު ބުނި ގޮތުގައި އޭނަ އެނބުރި ގައުމަށްދާ ވާހަކަ ބުނުމުން ހައްވޫ އެކަމާ ވަރަށް އުފާވި އެވެ. އަދި އެކީގައި ދާން ވަގުތުން ތައްޔާރުވާން ފެށި އެވެ.

ހައްވު އަކީ ކުރިން އައްޑޫގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އުޅުނު މީހެކެވެ. އެ އަވަށް އުފަން އެ އަވަށު ސަބްދެލިގޭ ހައްވު އަށް އާންމުންގެސަމާލުކަން ހުއްޓުނީ އާންމުކޮށް އަންހެނުން އަދާނުކުރާ ކަހަލަ ވަޒީފާއެއް އަދާކުރަން ފެށުމުންނެވެ. އެގޮތުން ހިތަދޫގެ މަޝްހޫރު ރެސްޓޯރަންޓެއް ކަމަށްވާ "ފާސްޓް ފުޑް" ގައި ޑެލިވަރީކުރަން ގިނަ ދުވަސްތަކެއް ވަންދެން ހައްވޫ އުޅެނެވެ.

އޭނަ އަކީ އާއިލާގައި ތިބި ނުވަ ކުދިންގެ ތެރެއިން އެންމެ ހަގު މީހާ އެވެ. އަދި ހައްވޫ އަބަދު ވެސް ފާހަގަކުރެވުނީ މީހުންނާ ވަރަށް ގުޅޭ މީހެއްގެ ގޮތުގަ އެވެ. އޭނަގެ އެންމެ ހާއްސަ އެއް ސިފަ އަކީ ކެރިގެން ކަންކަމާ ކުރިމަތިލުމެވެ. ޑެލިވަރީގެ މަސައްކަތުގައި އުޅެނިކޮށް ހައްވު އަށް 2014 ގައި ބޮޑު އެކްސިޑެންޓަކާ ވެސް ކުރިމަތިލާން ޖެހުނެވެ.

ރޭގަނޑެއްގައި ހިތަދޫ ލިންކް ރޯޑްގައި ޖިޕެއް ކާރެއްގައި ޖެހި، އެ ކާރު ވިއްސައިގެން ގޮސް ޖެހުނީ ހައްވު ދުއްވި ސައިކަލްގަ އެވެ. އެ ހާދިސާގައި އޭނަގެ ކަނާތު ފައިގެ ފަލަމަސްގަނޑު ބިނދި، ހައްވުގެ މޫނަށާއި ބޮލަށް އެކިވަރުގެ ޒަަހަމްތައް ލިބުނެވެ. މިކަމާ ގުޅިގެން ސްރީ ލަންކާގައި އޮޕަރޭޝަނެއްކޮށް އަހަރު ދުވަސް ވަންދެން ފަރުވާ ވެސް ހޯދަން ޖެހުނެވެ.