Last Updated: April 24, 22:15
Wednesday, April 24, 2024
ޚަބަރު

ފޭދޫ ސޮކާ ކަޕް: ފުރަތަމަ މޮޅު މައިލޯ އަށް

އައްޑޫ ފޭދޫގެ ފާހި ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން ބާއްވާ "ފޭދޫ ސޮކާ ކަޕް"ގެ ފުރަތަމަ މެޗު މައިލޯ ސިޓީ އެފްސީން ކާމިޔާބުކޮށްފި އެވެ.

މުބާރާތުގެ ފުރަތަމަ މެޗު މައިލޯ އިން ކާމިޔާބުކުރީ އެފްސީ އަފިރިންނާއި ބައްދަލުކޮށް 3-2 އިންނެވެ.

ހިތަދޫ ސްޓޭޑިއަމްގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ކުޅުނު މެޗުގައި މައިލޯ އިން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ރަޝީދެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ ހާޒިމް ފައުޒީ އެވެ. އެފްސީ އަފިރިންގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ހުސެއިން ޝިފާޒު އަދި ހަސަން ޒައިދާނެވެ.

މުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅޭނެ އެވެ. އެ މެޗުގައި ބައްދަލުކުރާނީ އެފްސީ ޒެފިއާ އާއި ފްރެންޑްސް ކްލަބެވެ.

މި މުބާރާތުގައި ބައިވެރިވެފައިވަނީ ޖުމްލަ ހަތަރު ޓީމަކުންނެވެ. އެގޮތުން މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުން ކަމަށްވާއިރު ފައިނަލަށް ދަތުރުކުރާނީ ލީގު ބުރުގައި އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެވެ.

މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ އެފްސީ އަފިރިން، މައިލޯ އެފްސީ، އެފްސީ ޒެފިއާ އަދި ފްރެންޑްސް ކްލަބެވެ.

މި މުބާރާތަކީ އައްޑޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އަށަގެނުވައި، ފުޓްބޯޅައިގެ ރޫހު އާލާކޮށް، އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.