އިސްލާމްދީނުގެ މަތިވެރި ޢަޤީދާއަށް ގުޑުމެއް އެރިޔަނުދިނުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ހިޖްރީ 1444 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ރައީސް ވިދާޅުވީ ދުނިޔަވީ ޙަޔާތުގައި މިއަދު އަރާ ހަމަކުރެވިފައި މިވަނީ، އިންސާނީ ތާރީޚު ނުދެކޭ ފަދަ ހަލަބޮލި ދުވަސްވަރަކާއި ކަމަށާއި ބައިނަލްއަޤްވާމީ ސިޔާސީ އޮއިވަރު މުޅިން ބަދަލުވެ، އިޤްތިޞާދީ ގޮތުންވެސް ދުނިޔެ ކުރިމަތިލާފައިވަނީ ގޮތް ނޭނގޭ ދުވަސްތަކަކާއި ކަމަށެވެ.
އެގޮތުން މިއީ ޞިއްޙީ ގޮތުންނާއި، ތިމާވެށީގެ ގޮތުން ވެސް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ދުވަސްވަރެއް ކަމަށާއި ޤައުމެއްގެ ޙަޔާތުގައި ކުރިމަތިވާ މިފަދަ ކޮންމެ ހުރަހެއް ގިރާކުރުމުގައި، ސަރުކާރާއި ރައްޔިތުންގެ މެދުގައި ބަދަހި ގުޅުމެއް އޮތުމުގެ މުހިންމުކަން، ހިޖްރައިގެ މަތިވެރި ހާދިސާ ހަނދާނަށް ގެނެސްދޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"ނަބަވީ ހިޖްރައިގެ މަތިވެރި ހާދިސާއާ ގުޅިފައިވާ މިފަދަ ޛިކްރާއެއް އާކުރާއިރު، އަޅުގަނޑުމެންގެ އެންމެ ފުރަތަމަ ޢަޒުމަކަށް ހަދަންވީ، އަޅުގަނޑުމެންގެ ހިތްތަކުގައިވާ އިސްލާމްދީނުގެ މަތިވެރި ޢަޤީދާއަށް ގުޑުމެއް އެރިޔަނުދިނުމަށާއި، އިސްލާމީ ރިވެތި އަޚްލާޤާއި ތަރުބިއްޔަތުގެ މަތީގައި ސާބިތުވެ ތިބުމަށް." ރައީސް ވިދާޅުވި އެވެ.
ހިޖްރައިގެ މަތިވެރި ދަތުރުފުޅާ ވިދިގެން އުފަންވި އިސްލާމީ އުންމަތް، އޭރު ދުނިޔޭގައި އޮތް އެހެން އުންމަތްތަކުގެ މައްޗަށް ކުރި ހޯދި ގޮތަކީ، ދައުލަތެއް ކުރިއަރައި ދިއުމަށް ބޭނުންވާނެ އެންމެހައި ސިފަތަކާއި ނަމޫނާތައް ދައްކައިދޭ ވަރަށް އަގުހުރި ނަމޫނާއެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން އަދި ސިޔާސީ ގޮތުން ވެސް، ހަމަ ކޮންމެ ބަޔަކުވެސް ނަމޫނާއަކަށް ބަލަންވީ ފުރިހަމަ މިސާލުތަކެކެވެ. ކޮންމެ ޒަމާނަކާއި ކޮންމެ ތަނެއްގައި ވިޔަސް، ތަހުޛީބާއި ތަމައްދުނުގެ މައިދާނުގައި ކުރިއަރައިދާން އެދޭ ބަޔަކަށް ފެންނާނެ އެންމެ ރީތި މިސާލުތައް، އިސްލާމީ އުންމަތް އުފެދި ކުރިއަރައިގެން އައި ގޮތުގައި އެކުލެވިފައިވެއެވެ." ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ދިވެހިންގެ މެދުގައި މިއޮތް އެއްބަނޑު އެއްބަފާކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، މުޖުތަމަޢުގެ ޞުލްޙައާއި ހަމަޖެހުމަށް މަސައްކަތް ކުރުމަށް ވެސް އިލްތިމާސްކުރައްވާފަ އެވެ.