Last Updated: July 12, 05:49
Saturday, July 12, 2025
ޚަބަރު

ޒިނޭގެ ތުހުމަތު ސާބިތުކޮށް ނުދެވެންޏާ ހައްދު ޖަހަން ޖެހޭނެ

މީހެއްގެ މައްޗަށް ޒިނޭގެ ތުހުމަތުކޮށް އަދި އެ ތުހުމަތު ސާބިތުކޮށް ނުދެވޭނަމަ އެ މީހެއްގެ ގައިގައި ހައްދު ޖަހަން ޖެހޭނެ ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިހް އިލްޔާސް ހުސެއިން ވިދާޅުވެއްޖެ އެވެ.

އިލްޔާސް މިހެން ވިދާޅުވެފައިމިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާއެކު ބަދު އަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ފޮޓޯ ހުރި ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތާއި ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޝައިހް އިލްޔާސް ވިދާޅުވީ މީހެއްގެ މައްޗަށް ޒިނޭގެ ތުހުމަތުކޮށް، އެ ތުހުމަތު ސާބިތުކޮށް ނުދެވިއްޖެނަމަ އެމީހެއްގެ ގައިގައި ގަޒުފްގެ ހައްދު ޖަހަން ޖެހޭނެ ކަމަށާއި އަދި އެފަދަ މީހެއްގެ ހެކި ބަސް ވެސް ގަބޫލު ނުކުރެވޭނެ ކަމަށެވެ.

"މިފަދަ މީހުން ދައުލަތުގެ އިސް މަގާމުތަކުގައި ބައިތިއްބައިގެން ވެސް ނުވާނެ." އިލްޔާސް ވިދާޅުވި އެވެ.

ނަޝީދު މި ތުހުމަތު ކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް އިއްޔެ ފޮނުއްވި މެސެޖުތަކެއްގަ އެވެ. އެގޮތުން ނަޝީދު ވަނީ ރައީސް ސޯލިހް ބަދު އަހްލާގީ އަމަލު ހިންގާ ހަތަރު ފޮޓޯ ލިބިވަޑައިގެންފައިވާ ކަމަށާއި އެ ފޮޓޯތައް ފުލުހުންނަށް ފޮނުއްވަންވީ ވީތޯ ސުވާލު ކުރައްވާފަ އެވެ. އެގޮތުން އެ ފޮޓޯތަކުން ފެންނަނީ ރައީސް ސޯލިހް އަންހެން ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގާ މަންޒަރު ކަަމަށްވެސް ވިދާޅުވި އެވެ.

އެ ތުހުމަތުތަކާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ރޭ ވިދާޅުވީ ނަޝީދުގެ އެ ތުހުމަތުތައް ރައީސް ދޮގުކުރައްވާ ކަމަށެވެ. އަދި ނަޝީދު ދެއްކެވި ވާހަކަތަކަކީ ބުހުތާނު ދޮގެއް ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.

ނަޝީދު މިފަދަ ތުހުމަތުތަކެއް ކުރައްވާފައިމިވަނީ އެއް ޖިންސުން ގުޅުން ހިންގި މައްސަލައަކާ ގުޅިގެން އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. ނާޒިމް ހައްޔަރުކުރުމުން ނަޝީދު ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ.