Last Updated: July 10, 06:03
Thursday, July 10, 2025
ޚަބަރު

މިނީ ބަސްތައް އައްޑު އަށް ވެސް ގެނެސްފި

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން މިނީ ބަހުގެ ހިދުމަތް ދޭން ތައްޔާރީތައް ވަމުން އަންނަ އިރު، އައްޑު އަށް ވެސް ބަސްތައް ގެނެސްފި އެވެ.

މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު އަދި އެއްގަމު ދަތުރުފަތުރުގައި ބޮޑު ޑިމާންޑެއް ވެސް އޮންނަ އައްޑު އަށް އެމްޓީސީސީން ގެނައީ 12 ބަހެވެ. މީގެ ތެރެއިން 8 ބަސް ބޭނުންކުރާނީ ގުޅިފައިވާ އަވަށްތައް ކަމަށްވާ ހިތަދު އާއި މަރަދޫ އާއި މަރަދޫފޭދޫގެ އިތުރުން ފޭދޫގެ ދަތުރުތަކަށެވެ. އަނެއް ހަތަރު ބަސް ބޭނުން ކުރާނީ ވަކިން އޮންނަ ހުޅުމީދޫގަ އެވެ.

މިނީ ބަހުގެ ހިދުމަތް ދޭން ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން އައްޑޫގައި އަވަށްތަކުގައި މިހާރު ވަނީ ބަސްތައް ހުއްޓާނެ ތަންތަން ކަނޑައަޅައި ބަސް ހުއްޓި ސްޓޭންޑްތައް ވެސް ޖަހައިފަ އެވެ.

ނަމަވެސް އަދި މިނީ ބަހުގެ ހިދުމަތްދޭން ފަށާނެ އިރެއް އެމްޓީސީސީން އިއުލާނެއް ނުކުރެ އެވެ.

އާރްޓީއެލްގެ ދަށުން މިނީ ބަހުގެ ހިދުމަތް ދޭން އެ ކުންފުނިން ފުރަތަމަ ގެނައީ 36 ބަހެވެ. އޭގެ ތެރެއިން ވެރިރަށް މާލޭގައި ބޭނުން ކުރަން ހަމަޖެހިފައި ވަނީ 12 ބަހެވެ. އަތޮޅުތަކުގެ ތެރެއިން މި ފަހަރުތައް ބަސްތައް ފޮނުވީ އައްޑޫގެ އިތުރުން ލ. އަތޮޅާއި ފުވައްމުލަކަށެވެ. އެގޮތުން ލ. އަތޮޅަށް 7 ބަސް ފޮނުވާފައިވާ އިރު، ފުވައްމުލަކަށް ފޮނުވީ 5 ބަހެވެ.

މިނީ ބަހުގައި ސްކޫލް ކުދިންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުންނާއި 65 އަހަރުން މަތީގެ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ އެވެ.