Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

ލަންކާ އަށް ވޯލްޑް ބޭންކްގެ އެހީ ހުއްޓުމަކަށް

ސްރީ ލަންކާ އަށް މިހާރު ދިމާވެފައި އޮތް މާލީ އަދި އިގުތިސާދީ ހާލަތުން އަރައިގަތުމަށްޓަކައި މިހާތަނަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން ނުދާތީ ވޯލްޑް ބޭންކުން އެ ގައުމަށް އިތުރަށް މާލީ އެހީ ނުދޭން ނިންމައިފި އެވެ.

މިކަން އިއުލާންކޮށް ބުނީ ލަންކާ އިން މައިކްރޮ އިކޮނޮމިކް ޕޮލިސީ ހަރުދަނާކޮށް އެކަމަކުގެ އާ ފްރޭމްވޯކް ރިސްޓްރަކާ ވެސް ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް ގައުމުގެ އިގުތިސާދު ހަމައަކަށް އެޅުވުމަށްޓަކައި މިހާތަނަށް ގަބޫލުކުރެވޭ ވަރުގެ ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައި ނުވާ ކަމަށް ބުންޏެވެ. އެހެންވެ އެކަމާ ވަރަށް ކަންބޮޑުވާ ކަމަށާއި ލަންކާގެ އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި ޕޮލިސީތައް އެކުލަވާލައި އެކަމަށް ޒިންމާދާރ މަސައްކަތްތަކެއް ވަރަށް ބޮޑަށް ކުރަން ޖެހިފައިވާ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

އެގޮތުން މިހާރު އޮތް ހާލަތު އަރައިގަތުމާއި މުސްތަގުބަލުގައި މިފަދަ ހާލަތަކަށް ގައުމު ނުވެއްޓޭނެ ފަދަ އިގުތިސާދީ ރޭވުންތެރިން ކަމެއް ލަންކާ އަށް ބޭނުންވާ ކަމަށް ބުންޏެވެ.

ވޯލްޑް ބޭންކުން ބުނި ގޮތުގައި ލަންކާ އަށް ބޭނުންވާ އަސާސީ ތަކެތި ކަމަށްވާ ބޭހާއި ގޭހާއި ގަސްކާނާ އާއި ދަރިވަރުންގެ ނާސްތާ ގެ އިތުރުން ގަފީރު އާއިލާތަކަށް އެހީވާން ވެސް މިހާތަނަށް މާލީ ގޮތުން ބޮޑެތި އެހީތަކެއް ދީފައިވާނެ އެވެ. އެކަމަކު އެގޮތަށް ދީފައިވާ ފައިސާ ވެސް އެންމެ ރަނގަޅު ގޮތުގައި ހޭދަކުރެވިފައި ނުވާ ކަމަށް ބުންޏެވެ.


އެހެންވެ ގައުމު ދަރަނި ވެސް ބޮޑުވެފައިވާ ގައުމަށް މި ވަގުތު މާލީ އެހީ ނުދޭން ނިންމި ނަމަވެސް ލަންކާގެ ހާލަތު ގާތުން ބަލައި ވަޒަންކުރުމާއި އަދި ކަމާ ގުޅުން ހުރި އިދާރާތަކުން ކުރާ މަސައްކަތްތައް ވެސް ބަލަމުން އަންނާނެ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

މި އަހަރުގެ ކުރީކޮޅުން ފެށިގެން 22 މިލިއަންް މީހުންގެ އާބާދީއެއް އޮތް ލަންކާ ބޮޑު ތަދުމަޑުކަމެއްގެ ތެރޭގައި އޮތް އިރު، އެ ގައުމުގެ ސިޔާސީ މަސްރަހު ވެސް އޮތީ ދުނިޔޭގެ މާލީ އިދާރާތަކުން ކަންބޮޑުވާ ފަދަ ހާލަތެއްގަ އެވެ.