Last Updated: April 18, 22:36
Thursday, April 18, 2024
މުނިފޫހިފިލުވުން

ޝަކީރާ އަށް 8 އަހަރުގެ ޖަލު ހުކުމެއް!

ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ ޓެކްސް ނުދައްކާ ކަމަށް ބުނެ ކުރާ ދައުވާ ސާބިތުވެއްޖެ ނަމަ 8 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެކަމުގެ އިންޒާރު ސްޕެއިނުން ދީފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ދެ ކުދިންގެ މަންމަ އެ ގައުމުގައި ހޭދަކުރި މުއްދަތުގެ ތެރޭގައި 2012-2014 އާ ދެމެދު ޓެކްހަށް މަކަރު ހަދާފައިވެ އެވެ. އެހެންވެ އެ މައްސަލާގައި ސްޕެއިނުން ޝަކީރާ އަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ މަދުވެގެން 8 އަހަރުގެ ޖަލު ހުކުމެއް އަންނާނެކަމުގެ އިންޒާރު ދީފައިވެ އެވެ. އަދި މި މައްސަލާގައި އޭނާ އަށް 19 މިލިއަން ޕައުންޑް (23 މިލިއަން ޑޮލަރު) ގެ ޖޫރިމަނާއެއް ވެސް އައުމުގެ ފުރުސަތު ބޮޑެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓެކްހަށް މަކަރު ހެދި މައްސަލަ ކޯޓުން ބޭރުން ނިންމުމަށް ވެސް ޝަކީރާ އަށް ހުށަހެޅި އެވެ. އެކަމަކު އޭނާ އެ ގޮތް ގަބޫލުކުރަން ދެކޮޅު ހަދާފައިވެ އެވެ. ޝަކީރާގެ ގާނޫނީ ޓީމާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނި ގޮތުގައި އޭނަ މިހާތަނަށް ޓެކްހަށް އިންޓަރެސްޓާ އެކީ ވެސް 3 މިލިއަން ޕައުންޑް (3.7 މިލިއަން ޑޮލަރު) ދައްކާފައިވާނެ އެވެ.

ސްޕެއިންގައި އަމަލުކުރަމުން އަންނަ އުސޫލަކަށް ބަލާ އިރު، ހަ މަހަށް ވުރެ ގިނަ ދުވަހު އެ ގައުމުގައި ހޭދަކޮށްފި ނަމަ ރަށްވެއްސެއްގެ ގޮތުގައި ބަލައި، އެ މީހަކު ޓެކްސް ދައްކަން ލާޒިމުވާނެ އެވެ.

ސްޕެއިންގެ ގާނޫނީ ގޮޅިއަކަށް ޝަކީރާ ވެއްޓިދާނެކަމުގެ ބިރު ބޮޑުވެފައި މި ވަނީ ގިނަ ދުވަސްތަކެއް ވަންދެންް އޭނަ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ސްޕެއިންގެ ފުޓްބޯޅަ ތަރި ޖެރާޑް ޕީކޭއާ މިދިޔަ ޖޫން މަހުގެ ތެރޭގައި ރުޅިވެފައި ވަނިކޮށެވެ.

ޝަކީރާ، 45، އާއި ޕީކޭ، 35، ރައްޓެހިވީ 2010 ގަ އެވެ. އެ ދެ މީހުންނަށް ލިބިފައިވާ ދަރިންނަކީ މިލާން ޕީކޭ މެބާރަކް، 9، އާއި ސާޝާ ޕީކޭ މެބާރަކް، 7، އެވެ.