Last Updated: July 12, 13:47
Saturday, July 12, 2025
ދުނިޔެ

އިސްތިއުފާ އަށް ގޮވާތީ ރަނިލްގެ ރައްދެއް

އިސްތިއުފާ ދެއްވައި ގެއަށް ވަޑައިގަންނަވަން ރައްޔިތުން ގޮވާތީ ވަޑައިގަންނަވާނެ ގެއެއް ނެތް ކަމަށް ވިދާޅުވެ ސްރީ ލަންކާގެ އާ ރައީސް ރަނިލް ވިކްރަމަރަންހަ އޭނަގެ އިސްތިއުފާ ގޮވާ މީހުންނަށް ރައްދު ދެއްވައިފި އެވެ.

ކޭންޑީގައި އޮތް ބައްދަލުވުމެއްވައި އިއްޔެ ވާހަކަ ދައްކަވަމުން މި މަހުގެ 21 ގައި ރައީސްކަމުގެ ހުވާކުރެއްވި ރަނިލް ވިދާޅުވީ އިސްތިއުފާ ދެއްވަން ބަޔަކު އިންޒާރު ދިނަސް އެފަދަ ވިސްނުމެއް ނެތް ކަމަށެވެ. އަަދި އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަންނަވާށޭ ގޮވާ އިރު، ވަޑައިގަންނަވާނެ ގެއެއް ނެތް ކަމަށް ވިދާޅުވި އެވެ.

"އެހެންވެ އެދެނީ އިސްތިއުފާ އަށް ނުގޮވަން. އިސްތިއުފާ ދީފައި ވަޑައިގަންނަވާނެ ގެއެއް އަހަރެންގެ ނެތް." ރަނިލް ވިދާޅވި އެވެ.

އޭނާ ވިދާޅުވީ ގޮތުގައި ގެއަށް ވަޑައިގަންނަވަން ބަޔަކު ގޮވާ އިރު، ކޮށްދޭންވީ ކަމަކީ ބަޔަކު ރޯކޮށްލި އޭނަގެ އަމިއްލަ ގެ އަލުން މަރާމާރުކޮށް ދިނުމެވެ. ލަންކާގެ މަސްރަހު މި މަހުގެ ކުރީކޮޅު ހޫނުވެ، މުޒާހަރާކުރަން މަގުތަކަށް ނުުކުތް މީހުން ހިންގި ހަމަނުޖެހުންތަކުގެ ތެރޭގައި ރަނިލްގެ ގެ ރޯކޮށްލި އެވެ. އެއީ މި މަހުގެ 9 ގަ އެވެ.

ރަނިލް ވިދާޅުވީ ރޯކޮށްލި އޭނަގެ ގެ އަލުން މަރާމާތުކޮށް ދީފައި އިސްތިއުފާ އަށް ގޮވާ ނަމަ ގެއަށް ވަޑައިގެންފާނެ ކަމަށެވެ.

"އެހެންވީމަ މިހާރު އަހަރެން ގެއަށް ދާށޭ ގޮވުމުގެ އެއްވެސް ހައްގެއް ނެތް. އަދި އެގޮތަށް ގޮވާ ގޮވުމަކީ ބައެއްގެ ވަގުތު ބޭކާރުވުން." ރަނިލް ވިދާޅުވި އެވެ.

ރަނިލް މެއި މަހުގެ ތެރޭގައި އަލުން ބޮޑުވަޒީރަކަށް ވަޑައިގެންނެވި ފަހުން ވެސް އޭނަގެ އިސްތިއުފާ އަށް އެތައް ބަޔަކު ދިޔައީ ގޮވާލަމުންނެވެ. އޭނަ އަށް ރައިސްކަން ލިބިވަޑައިގަތީ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ލަންކާގެ ގިނަ ބަޔަކު ބުނާ ގޮތުގައި ރައީސެއްގެ ގޮތުގައި އެ މީހުން ރަނިލް ބަލައެއްނުގަންނާނެ އެވެ.