Last Updated: July 10, 11:54
Thursday, July 10, 2025
ޚަބަރު

އަދުލުވެރިވުމަކީ މޫސުމީ ވާހަކައެއް ނޫން: ޝަހީމް

އަލުދުވެރިވުމަކީ ސިޔާސީ މަންފާތަކެއް ހޯދުމުގައި ބޭނުމުގައި އެފަދަ ދަނޑިވަޅުތަކުގައި ދައްކަން ޖެހޭ މޫސުމީ ވާހަކައެއް ނޫން ކަމަށް ކުރީގެ އިިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މިހާރުގެ ހާލަތާ މެދު ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ މަޝްހޫރު ދީނީ އިލްމުވެރިޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުރިހާ އެންމެންގެ މެދުގައި ވެސް ހައްގު ގޮތުގައި އަދުލުވެރިކަން ގާއިމުކުރަން ޖެހޭނެ ކަމަށެވެ.

"ހައްގު ގޮތުގައި އަދުލުވެރިކަން ގާއިމުކުރުމަކީ މުއްސަންޖަކާއި ފަގީރެއް އަދި ތިމާގެ މީހާއާ އެ ނޫން މީހެއް ބެލުމެއް ނެތި އިންސާފު ގާއިމުކުރުން." ޝަހީމް ވިދާޅުވި އެވެ.

އޭނަ މި މޭރުމުން ޓްވީޓެއް ކުރެއްވި އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރުމާ ގުޅިގެން ކޯފާ އިސްކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި ސަރުކާރަށް ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ކޮއްކޮ ހައްޔަކުރީ ސަރުކާރުގައި ތިބި ހަރުކަށި ފިކުރުގެ ބަޔަކު ރުއްސުމަށްޓަކަ އެވެ. އަދި ރައީސްގެ މައްޗަށް ޒިނޭ އާއި ބަނގުރާ ހިއްޕެވުމުގެ ތުހުމަތު ވެސް ކުރައްވާފައިވެ އެވެ. ނަޝީދުގެ މި އަމަލުތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.