Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރަން ޕެޓިޝަނެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން މުހައްމަދު ނަޝީދު ވަކިކުރަން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

"އިމްޕީޗް ނަޝީދު" ގެ ނަމުގައި ޗޭންޖް.އޯގްގައި މިހާރު ފަށާފައިވާ މި ޕެޓިޝަނުގައި މިހާތަނަށް 30 އާ ގާތްކުރާ އަދަދަކަށް މީހުން ސޮއިކޮށްފައިވާ އިރު، ފުރަތަމަ އަމާޒަކީ މަދުވެގެން 100 ސޮއި ހޯދުމެވެ. މި ޕެޓިޝަންގައި ބުނެފައި ވަނީ ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރަން ބޭނުން ވަނީ އިސްލާމް ދީނަށް ގޮންޖައްސަވައި ދިވެހިންގެ އިޖުތިމާއީ ފޭރާން ހަލާކުކުރަމުންދާތީ ކަމަށެވެ.

މި ޕެޓިޝަނަކީ ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސަކަށް ހުންނެވި ނަޝީދަށް ބޮޑުބޭބެ ވިދާޅުވާ އީވާ އަބްދުﷲ ވެސް މަގާމުން ވަކިކުރުމަށް ކުރިއަށް ގެންދާ ޕެޓިޝަނެކެވެ.

މިފަދަ ޕެޓިޝަނެއްގެ މަސައްކަތް ފެށި އިރު، ނަޝީދު ނިސްބަތްވާ އެމްޑީޕީގެ މަޖިލިސް މެމްބަރުންތަކެއް ވެސް މިހާރު ގެންދަވަނީ ނަޝީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމާ ގުޅޭ ގޮތުން މަސައްކަތްކުރަމުންނެވެ. އެފަދަ މަސައްކަތެއް މެމްބަރުންތަކެއް ފަށާފައިވާ ކަމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕް (ޕީޖީ) ގްރޫޕްގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވެސް ބައެއް މީޑިއާތަކަށް ކަށަވަރުކޮށް ދެއްވާފައިވެ އެވެ.

ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރުމާ ގުޅިގެން ކޯފާ އިސްކުރައްވައި ރައީސްގެ ބޮލުގައި ބޮޑެތި ތުހުމަތުތަކެއް ވެސް އަޅުވައިފަ އެވެ. އެގޮތުން ރައީސް ޒިނޭކޮށްފައިވާ ކަމަށާއި ރާ ވެސް ހިއްޕަވާފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ. ނަޝީދުގެ މި ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ގިނަ ބައެއްގެ އިތުރުން ވަރަށް އާންމު ރައްޔިތުންގެ ފާޑުކިޔުންތައް ވެސް ނަޝީދަށް އަމާޒުވެފައިވެ އެވެ.

ނަޝީދު މި ވަގުތު ހުންނެވީ މިދިޔަ ހަފުތާގައި ސީޝެލްސް އަށް ކުރެއްވި ރަސްމީ ދަތުރަކަށް ފަހު، އިނގިރޭސިވިލާތުގަ އެވެ.