Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ވިއްސާރަވުމުން މިއަދުގެ މެޗް ކެންސަލް

ފާހި ސްޕޯޓްސް އިން އިންތިޒާމްކޮށްގެން އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުރިއަށްދާ ފޭދޫ ސޮކަ ކަޕްގައި މިއަދު ހަވީރު އެފްސީ ޒެފިއާ އަދި އެފްސީ އަފިރިން ބައްދަލު ކުރާ މެޗު މޫސުމް ގޯސްވުމުގެ ސަބަބުން ކެންސަލްކޮށްފި އެވެ.

މުބާރާތުގެ އިންތިޒާމު ކޮމެޓީން ބުނީ އައްޑު އަށް އިއްޔެ އިން ފެށިގެން ބޯކޮށް ވާރޭ ވެހި އަދި މިއަދު ވެސް ވަރަށް ބޮޑަށް މޫސުމް ގޯސްވެފައިވުމުގެ ސަބަބުން މެޗު ކުޅެވޭ ވަރަށް ވުރެ ދަނޑުގެ ކޮންޑިޝަން ދަށްވެފައިވާތީ މިއަދު ކުޅެން އޮތް މެޗު ކެންސަލްކޮށްފައިވާ ކަމަށެވެ.

އެހެންވެ މިއަދު ކުޅެން އޮތް މެޗު ކުޅޭނެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށް ބުންޏެވެ.

ފޭދޫ ސޮކާ ކަޕްގައި މިހާތަނަށް ދެ މެޗު ކުޅެފައިވާ އިރު އެންމެ ފަހުން ކުޅުނު މެޗުގައި ޒެފިއާ ވަނީ ފޭދޫފެ މައްޗަށް 3-1 ލަނޑުން ކުރި ހޯދާފައެވެ. އެފްސީ އަފިރިން ވަނީ މައިލޯއާ ވާދަކޮށް 2-3 ލަނޑުން ބަލިވެފަ އެވެ.

މި މުބާރާތުގައި ބައިވެރިވެފައި ވަނީ ޖުމްލަ 4 ޓީމަކުންނެވެ. އެގޮތުން މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުން ކަމަށްވާ އިރު ފައިނަލަށް ދަތުރުކުރާނީ ލީގު ބުރުގައި އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެވެ.

މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ އެފްސީ އަފިރިން، މައިލޯ އެފްސީ، އެފްސީ ޒެފިއާ އަދި ފްރެންޑްސް ކްލަބެވެ.

މި މުބާރާތަކީ އައްޑޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އަށަގެނުވައި، ފުޓްބޯޅައިގެ ރޫހު އާލާކޮށް، އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ ފޭދޫ އަވަށު އޮފީސް ކޮންޓްރޯލް ޕީ އާއި ދިރާގު އަދި ހެޕީ މާކެޓެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އައްޑޫ ލައިވް އެވެ.