Last Updated: July 3, 09:24
Thursday, July 3, 2025
ދުނިޔެ

މިއީ ގޮޓާބަޔާ އަންނަން ރަނގަޅު ވަގުތެއް ނޫން

މިއީ ލަންކާގެ ކުރީގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސަ އެނބުރި ގައުމަށް ވަޑައިގަންނަވަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ލަންކާގެ މިހާރުގެ ރައީސް ރަނިލް ވިކްރަމްސިންހަ ވިދާޅުވެއްޖެ އެވެ.

ލަންކާ އިން ފިއްލަވައިގެން ސިންގަޕޫރަށް ވަޑައިގެން މަގާމުން ގޮޓާބަޔާ އިސްތިއުފާ ދެއްވިއިރު، އޭނާ އެނބުރި ލަންކާ އަށް ވަޑައިގަންނަވާނެ ކަމަށް އެގައުމުގެ ސިޔާސީ ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.

އެމެރިކާގެ ނޫހެއް ކަމަށްވާ "ވޯލް ސްޓްރީޓް ޖާނަލް" އަށް ދެއްވި އިންޓަވިއުއެއްގައި ރަނިލް ވިދާޅުވީ މިއީ ގޮޓާބަޔާ އެނބުރި ގައުމަށް ވަޑައިގަންނަވަން އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެގޮތުން ގޮޓާބަޔާ މިވަގުތު އެނބުރި ވަޑައިގެންފިނަމަ ލަންކާގެ ސިޔާސީ މަސްރަހު އިތުރަށް ހަލަބޮލިވުމުގެ ފުރުސަތު އެބައޮތް ކަމަށް ރަނިލް ވިދާޅުވި އެވެ.

ރަނިލް ވަނީ ގޮޓާބަޔާ އެނބުރި ލަންކާ އަށް ވަޑައިގަންނަވާނެ ކަމުގެ އެއްވެސް އިޝާރާތެއް މިހާތަނަށް ލިބިވަޑައިގެންފައި ނުވާ ކަމަށްވެސް ވިދާޅުވެފަ އެވެ.

ގޮޓާބަޔާ މަގާމުން އިސްތިއުފާ ދެއްވީ އޭނާގެ ސަރުކާރާއި ދެކޮޅަށް މެދުކެނޑުމެއް ނެތި ލަންކާގައި ކުރަމުންދިޔަ މުޒާހަރާތަކާ ގުޅިގެންނެވެ. ލަންކާ ރައްޔިތުން ގޮޓާބަޔާގެ ސަރުކާރާއި ދެކޮޅަށް މަގުތަކަށް ނިކުތީ ލަންކާ އިގްތިސާދީ އަނދަވަޅަކަށް ވައްޓާލީ ގޮޓާބަޔާގެ ސަރުކާރުން ކަމަށް ތުހުމަތުކޮށެވެ.

ލަންކާ ރައްޔިތުންނަށް ގަވާއިދުން ކަރަންޓާއި އަސާސީ އެހެނިހެން ހިދުމަތްތައް ލިބުން ދަތިވެފައިވާއިރު ވެރިކަމުގައި މިހާރު ހުންނެވި ރަނިލް އަކީ ވެސް ލަންކާ ރައްޔިތުންގެ މެދުގައި މަގުބޫލުކަން ކުޑަ ބޭފުޅެކެވެ.