Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ދެވަނަ މެޗުން ވެސް މައިލޯ މޮޅުވެއްޖެ

އައްޑޫ ފޭދޫގެ ފާހި ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން ބާއްވާ "ފޭދޫ ސޮކާ ކަޕް"ގައި ކުޅުނު ދެވަނަ މެޗުން ވެސް މައިލޯ ސިޓީ އެފްސީ މޮޅުވެއްޖެ އެވެ.

މުބާރާތުގައި ކުޅުނު ދެވަނަ މެޗުން މައިލޯ މޮޅުވީ މިއަދު ހަވީރު ފްރެންޑްސް ކްލަބުގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ.

ހިތަދޫ ސްޓޭޑިއަމްގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ކުޅުނު މެޗުގައި މައިލޯ އިން ކާމިޔާބުކުރި ދެ ގޯލު ކާމިޔާބުކޮށްދިނީ އިބްރާހިމް ސިރާޖު އަދި އަޔާޒް އަހުމަދެވެ. ފްރެންޑްސް ކްލަބުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ޔޫސުފް ސިދާމް އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މައިލޯގެ އިބްރާހިމް ނަޖާހު އެވެ.

މި މުބާރާތުގައި ބައިވެރިވެފައިވަނީ ޖުމްލަ ހަތަރު ޓީމަކުންނެވެ. އެގޮތުން މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުން ކަމަށްވާއިރު ފައިނަލަށް ދަތުރުކުރާނީ ލީގު ބުރުގައި އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެވެ.

މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ އެފްސީ އަފިރިން، މައިލޯ އެފްސީ، އެފްސީ ޒެފިއާ އަދި ފްރެންޑްސް ކްލަބެވެ.

މި މުބާރާތަކީ އައްޑޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އަށަގެނުވައި، ފުޓްބޯޅައިގެ ރޫހު އާލާކޮށް، އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ފޭދޫ އަވަށު އޮފީސް ކޮންޓްރޯލް ޕީ އާއި ދިރާގު އަދި ހެޕީ މާކެޓެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އައްޑޫ ލައިވް އެވެ.