އެމެރިކާ ސިފައިން ދިން ވައިގެ ހަމަލާއެއްގައި އަލްގައިދާ ޖަމާއަތުގެ ލީޑަރު އައިމަން އަލް ޒަވާހިރީ މަރާލައިފި އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ އައިމަން އަލް ޒަވާހިރީ މަރާލާފައިވަނީ އަފްގާނިސްތާނުގެ ވެރިރަށް ކާބުލް އަށް އިއްޔެ ދިން ވައިގެ ހަމަލާއެއްގައި ކަމަށެވެ. މި ހަމަލާ ދީފައިވަނީ އެމެރިކާގެ ސީއައިއޭ އިން ކުރިއަށްގެންދިޔަ ކައުންޓަ ޓެރަރިޒަމް އޮޕަރޭޝަނުގެ ދަށުންނެވެ.
އެމެރިކާގެ އޮފިޝަލުން ހާމަކުރާ ގޮތުގައި ބައިޑެންގެ އަމުރަށް ވައިގެ މި ހަމަލާ ދިންއިރު ޒަވާހިރީ ހުރީ ސޭފް ހައުސްއެއްގެ ބެލްކަނީގަ އެވެ. އެގޮތުން އެ ގެއަށް އަމާޒުކޮށް ވައިގެ ދެ ހަމަލާ ދިންއިރު އެވަގުތު އެގޭގައި އޭނާގެ އާއިލާ މެމްބަރުން ވެސް ތިބި ކަމަށް އޮފިޝަލުން ބުނެ އެވެ. ހަމަލާގައި މަރުވީ ހަމައެކަނި ޒަވާހިރީ ކަމަށްވެސް ބުނެފައިވެ އެވެ.
ބައިޑެން ވިދާޅުވީ ޒަވާހިރީ އަކީ އެމެރިކާގެ ރައްޔިތުންނަށް އަނިޔާވެރިވި ޓެރަރިސްޓުގެ ލީޑަރެއް ކަމަށާއި އިންސާފު މިހާރު ގާއިމުކުރެވިފައިވާ ކަމަށެވެ. އަދި އެމެރިކާ ރައްޔިތުންނަށް އަނިޔާވެރިވާ ފަރާތްތައް ފިލައިގެން ކިތަންމެ ދުވަހަކު އުޅުނަސް ހޯދާނެ ކަމަށްވެސް ބައިޑެން ވިދާޅުވި އެވެ.
ޒަވާހިރީ ،71، އަލްގައިދާގެ ލީޑަރުކަމާއި ހަވާލުވީ 2011 ވަނަ އަހަރު އުސާމާ ބިންލާދިން މަރާލުމާ ގުޅިގެންނެވެ. އެމެރިކާ އިން ތުހުމަތު ކުރާ ގޮތުގައި ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރުގެ ދެ ޓަވަރު ގޮއްވާލުމަށް ދިން ހަމަލާ ރޭވީ އުސާމާ އާއި ޒަވާހިރީ އެވެ. އެގޮތުން އެ ދެ މީހުންނަކީ ވެސް އެމެރިކާގެ ވޯންޓެޑް ލިސްޓުގައި އެންމެ ކުރީގައި ތިބި ދެ މީހުންނެވެ.