Last Updated: July 10, 11:04
Thursday, July 10, 2025
ޚަބަރު

ޕައިލެޓް ކޯސް ފުރިހަމަކުރަން ލޯނަށް ހުޅުވާލައިފި

އައްޑޫގައި ޕައިލެޓް ކޯހުގެ ބާކީ ބައި ފުރިހަމަކުރަން ދަރިވަރުންނަށް ދޫކުރަން ނިންމާފައިވާ ލޯނަށް ކުރިމަތިލާން ހަޔާ މިނިސްޓްރީން ހުޅުވާލައިފި އެވެ.

މި ފުރުސަތު ހުޅުވައިލީ ކުރިން ގަމުގައި ހިންގަމުން އައި ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެއޮރޯނިޓިކްސް (އޭއޭއޭ) ހުއްޓާލި އިރު، ކޯސް ފުރިހަމަނުކުރެވި ތިބި ދަރިވަރުންގެ ތެރެއިން، އާ ފްލައިން ސްކޫލް، މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީގައި ކޯހުގެ ބާކީ ބައި ފުރިހަމަކުރަން ހަދަން ޖެހޭ ރިފްރެޝާ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ދަރިވަރުންނަށް އެކަަންޏެވެ.

ލޯނަށް އެދި ފޯމު ހުށަހަޅާނީ ޕޯޓަލް https://myedu.egov.mv މެދުވެރިކޮށެވެ. އެ ފުރުސަތު މި މަހުގެ 15 އާ ހަމައަށް އޮތީ ހުޅުވާލައިފަ އެވެ.

އާ ފްލައިން ސްކޫލްގައި އޭއޭއޭގައި ކޯސް ހަދަމުން ދިޔަ 35 ދަރިވަރަކު ހިމެނެ އެވެ. އެ ދަރިވަރުންގެ ރިފްރެޝާ ޕްރޮގްރާމް ޖެނުއަރީގައި ފަށައި މެއި މަހު އެ ނިންމައިލުމަށް ފަހު، ކޯހުގެ ޕްރެޓިކަލް ފެށީ މިދިޔަ މަހުގެ 10 ގަ އެވެ.

ގަަމުގައި މިހާރު ހންގަމުން އަންނަ މޯލްޑިވްސް އޭވިއޭޝަން އެކަޑެމީ އަކީ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އާއި ގައުމީ ޔުނިވަސިޓީ ގުޅިގެން އުފެއްދި ތަނެކެވެ. އަދި އެތަން ހިންގަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑެމީއާ ގުޅިގެންނެވެ.