Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ނަޝީދު ވަކިކުރަން މެމްބަރުން ސޮއިކުރަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން އެމްޑީޕީގެ މަޖިިލިސް މެމްބަރުންތަކެއް ސޮއިކުރަން ފަށައިފި އެވެ.

އެ ޕާޓީ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ) ގެ މެމްބަރަކު ވިދާޅުވި ގޮތުގައި ނަޝީދާއި އީވާ މަގާމުން ވަކިކުރަން މެމްބަރުންގެ ސޮއި ހޯދަމުން އަންނަ އިރު، މިހާތަނަށް 10 ވަރަކަށް މެމްބަރުން ސޮއިކޮށްފައިވެ އެވެ. މި ވަގުތު މަޖިލިސް ޗުއްޓީގައި އޮތުމުން ގިނަ މެމްބަރުންތަކެއް މާލޭގައި ނޫޅުއްވާތީ ސޮއި ކުރެވޭ ގޮތަށް އަދި ނުވި ނަމަވެސް މި މަހުގެ 18 ގައި މަޖިލިސް އަލުން ފަށާ އިރު، ގިނަ މެމްބަރުންތަކެއް ސޮއި ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މެންބަރު ވިދާޅުވި ގޮތުގައި އަމާޒަކީ މަޖިލިސް ހުޅުވުމާ އެކީ ނަޝީދާއި އީވާ ވަކިކުރުމުގެ މައްސަލަ ހުށަހެޅުމެވެ. ގާނޫނުއަސާސީގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން 43 މެމްބަރުންގެ ވޯޓު ބޭނުންވާނެ އެވެ.

ނަޝީދާއި އީވާ ވަކިކުރަން ބޭނުންވެގެން އެކަން މެމްބަރުންތަކެއް ހިއްސާކުރައްވާފައިވާ ކަމަށް ޕީޖީ ގްރޫޕްގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވެސް ވިދާޅުވެފައިވެ އެވެ. އެކަމަކު އަދި ރަސްމީކޮށް ހުށަހަޅާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ނަޝީދާއި އީވާ މަގާމުން ވަކިކުރުމުގެ މަސައްކަތްތަކެއް ޕާޓީގެ ތެރެއިން ފަށާފައި މި ވަނީ އިސްލާމް ދީނާ ފުށުއަރާ ކަންތައްތަކެއް ޕްރޮމޯޓްވާ ގޮތަށް ވާހަކަ ދެއްކެވުމާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މައްޗަށް ވެސް ޒިނޭ އާއި ބަނގުރާ ހިއްޕެވިކަމުގެ ތުހުމަތުކޮށްފައި ވަނިކޮށެވެ.

އެ ދެ ބޭފުޅުން މަގާމުން ވަކިކުރަން އެމްޑީޕީގެ މަޖިލިސް މެމްބަރުންތަކެއް މަސައްކަތްކުރައްވާ އިރު، އާންމުން ވެސް މިހާރު ގެންދަނީ ނަޝީދާއި އީވާ ވަކިކުރަން ގޮވައިލާ އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. އެ ޕެޓިޝަންގައި މިހާތަނަށް 1،600 އަށް ވުރެ ގިނަ މީހުން ސޮއިކޮށް، 2،500 ސޮއި ހޯދަން މިހާރު ވަނީ އަމާޒު ހިފައިފަ އެވެ.